އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން، ރ. ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކޮށްފިއެވެ.

އެ މައްސަލަ ބެލުމަށް ފަހު، ދުވާފަރުގެ ކައުންސިލަރުން ސަސްޕެންޑުކުރުމަށް އެލްޖީއޭ އިން ނިންމާފައި ވަނީ އިއްޔެ އެ އޮތޯރިޓީގެ ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ.

އެހެންކަމުން ދުވާފަރުގެ ކައުންސިލްގެ ހިންގުން ހަވާލުކޮށްފައި ވަނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށެވެ.

މިދިޔަ ޖުލައި މަހު އެލްޖީއޭ އިން ނެރުނު މޮނިޓަރިން ރިޕޯޓުގައިވާ ގޮތުން:

  • މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600ރ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ގައި ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވޭ
  • ޒަކާތް ދިނުމަށް ބޭނުންވާ 54،608ރ ކައުންސިލަރު ޒުހުދާ އަދާމާ ނަގުދުކޮށް ހަވާލުކޮށްފައިވާއިރު، އެ ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް ދީފައިވާކަން ކަށަވަރުކުރެވެން ނެތް
  • މިދިޔަ އަހަރުގެ މޭ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް، މުހައްމަދު އަލިފުޅާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހްމަދުގެ އިތުރުން، ކައުންސިލަރު މުހައްމަދު ޝާމްގެ އެކައުންޓަށް ޖުމްލަ 1.40 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްވެސް ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވޭ
  • އިޒްމީލަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާ އާ އެކު ޖުމްލަ 252،048ރ ހިމެނޭހެން، ޖުމްލަ 847،145ރ ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވޭ

އޭގެ އިތުރުން އެ ފައިސާގެ ހިސާބު ނުބަލަހައްޓާ ކަމާއި، ކައުންސިލަށް ދޫކޮށްފައިވާ ބަޖެޓު ބޭނުންކުރުމުގައި މާލިއްޔަތު ގާނޫނަށް ބަލާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ގާނޫނުގައިވާ ގޮތުން އެކަށީގެންވާ ސަބަބެއް ނެތި ހަފްތާއެއް ވަންދެން ކައުންސިލަރުން ހާޒިރުނުވެއްޖެ ނަމަ މަގާމުން ވަކިކުރެވޭނެއެވެ. ނަމަވެސް އެ ރިޕޯޓުގައިވާ ގޮތުން ބައެއް މެންބަރުން ޖެހިޖެހިގެން 50 ދުވަހަށް ވުރެ ގިނަ ދުވަހު ހާޒިރުވެފައިނުވާ ކަން ދައްކައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވެއެވެ.

އެ މައްސަލަ އޭސީސީން ވެސް ބަލަމުންދާ ކަމަށް، އެ ކޮމިޝަނުން އޭރު ވަނީ ބުނެފައެވެ.