އަށް ފޫޓުގެ ކޭބަލެއް ވަގަށް ނެގި މައްސަލައެއްގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ދެ މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ މައި އިމާރާތުން އަށް ފޫޓުގެ ކޭބަލެއް ވަގަށް ނެގި މައްސަލައިގައި ދައުވާކޮށްފައި ވަނީ، އަމީނީމަގުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ސައިޓް ސުޕަވައިޒަރެއްގެ މައްޗަށެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އޭނާ ދިފާއީ ހެއްކެއް ހުށަހަޅާފައި ނުވާއިރު، ދައުވާ އަށް އޭނާ އިންކާރުކުރިއެވެ. އޭނާ ސިފަކުރި ގޮތުގައި، މިއީ ބަޔަކު ރާވައިގެން އޭނާ އަށް ލަނޑެއް ދިނުމަށް ކުރި ކަމެކެވެ.

ނަމަވެސް ދައުލަތުން ހުށަހެޅި ކިތާބީ ހެއްކާއި ކޯޓަށް ހާޒިރުވެ ހެކިން ދިން ހެކިބަހުން އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. އަދި ވަގަށް ނެގި ކޭބަލަކީ އޭނާގެ އެއްޗެއްކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

މިހާރު ވެސް އޭނާ އަކީ ވަޒީފާ އަދާކުރާ މީހަކަށްވާތީ، މުޖުތަމައުން އެކަހެރިކުރެވޭނެ ފަދަ އަދަބެއް ކަނޑައެޅުމުގެ ބަދަލުގައި، އަދި ޖޫރިމަނާ ދެއްކޭނެ މީހެއް ކަމަށް ބެލެވޭތީ، އޭނާގެ މައްޗަށް ފުރަތަމަ އިއްވި ޖަލު ހުކުމް ވަނީ 14،400 ރުފިޔާ އަށް ބަދަލުކޮށްފައެވެ.

އެހެންކަމުން، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމްކުރައްވާފައި ވަނީ އެމްޑަބްލިއުއެސްސީގެ އެ މުވައްޒަފު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށާއި، ދެ މަސްދުވަހުގެ ތެރޭ އެ ފައިސާ އަނބުރާ ދެއްކުމަށެވެ.