ކޮމިއުނިސްޓް ވެރިކަމެއް ކުރާ ޗައިނާގައި ކޮވިޑް-19 އާ ގުޅިގެން ތަންފީޒު ކުރަމުން ދާ ކޮވިޑް ޒީރޯ ސިޔާސަތާ ދެކޮޅު މުޒާހަރާތައް ފުޅާވެ، އެގައުމުގެ ރައީސް ޝީ ޖިންގްޕިން ގެ އިސްތިއުފާއަށް ވެސް ގޮވަން ފަށައިފިއެވެ.

މުޒާހަރާތައް އެންމެ ބައިބޯ ސިޓީ، ޝެންގްހާއީ އާއި ވެރިރަށް ބެއިޖިންގެ އިތުރުން އުތުރުގެ ޝަހަރެއް ކަމަށް ވާ ނާންޖިންގް އަށް ވެސް ވަނި ފެތުރިފައެވެ.

ކޮވިޑްގެ މުޒާހަރާތައް ޗައިނާގެ އެކި ސަރަހައްދުތަކަށް ފެތުރި ފުޅާވެގެން ގޮސްފައި މިވަނީ ލޮކްޑައުން ކޮށްފައި އޮތް ޒިންޖިއާންގެ ގެ ހުޅަނގު އުތުރުގެ ޝަހަރެއް ކަމަށްވާ އުރުމްގީ ގައި އާންމުން ދިރިއުޅުނު އިމަރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސަލާމަތް ވާނެ ވަގުތު ނެތި 10 މީހަކު މަރުވެ 9 މީހަކު ޒަހަމްވުމާ ގުޅިގެންނެވެ.

މިހާދިސާ އާ ގުޅިގެން އެ ޝަހަރުގެ އާންމުން ރުޅިގަދަވެ މަގުތަކަށް ނުކުމެފައި ވާ އިރު، މީހުން މަރުވީ، ކޮވިޑް ލޮކްޑައުން އާ ހެދި ބޭރަށް ނިކުންނާނެ ވަގުތު ނުލިބުމާއި، އަލިފާން ނިއްވާ މީހުންނަށް އިމާރާތާ ހަމައަށް ދާން ގިނަ އިރުތަކެއް ނެގުމުން ކަމަށް އާންމުން ވަނީ ބުނެފައެވެ.

ޗައިނާގެ ޒިންގްޖިއާން ސަރަހައްދަކީ 10 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އަދި ލޮކްޑައުންގައި އެންމެ ގިނަ ދުވަސް ވީ އެއް ސަރަހައްދަކީ މިއީ ކަމުގައި ވާ އިރު އުއިގޫރު ދަރިކޮޅާއި އުރުމްގީ ދަރިކޮޅުގެ 4 މިލިއަނެއްހާ މީހުން ދިރިއުޅޭ އެ ޝަހަރު ލޮކްޑައުން ކޮށްފައި އޮންނަތާ 100 ދުވަސް ވެއްޖެއެވެ.

މުޒާހަރާތައް ޗައިނާގެ ބޮޑެތި 4 ސިޓީއަކަށް ފެތުރިފައި ވާ އިރު ބެއިޖިންގެ ޝިންގްހުއާ ޔުނިވާސިޓީގެ ދަރިވަރުން ދަނީ ޔުނިވާސިޓީ ކެމްޕަހުގައި އިހުތިޖާޖު ކުރަމުންނެވެ. އޭއެފްޕީގެ މަސްދަރުތަކުން ބުނާ ގޮތުން ދަރިވަރުންގެ މުޒާހަރާގައި މިނިވަންކަމަށް ނަސްރުލިބޭނެ ކަމަށެވެ.

އަދި ރޭ ޝެންގްހާއީގައި ބޮޑު މުޒާހަރާއެއް ކޮށްފައި ވާ އިރު އިރުމަތީ ޝަހަރެއް ކަމަށް ވާ ނާންޖިންގެ ޔުނިވާސިޓީއެއްގައިވެސް ވަނީ މުޒާހަރާ ކޮށްފައެވެ. ބެއިޖިންގެ ޔުނިވާސިޓީގައި 300 އެއްހާ ދަރިވަރުން މުޒާހަރާ ކުރި އިރު، ޝެންގްހާއީ ގެ މަގުތަކަށް ނުކުތް މީހުން ނުކުތީ މަރުވި މީހުންގެ ހަނދާން އާ ކުރުމަށް މަލާއި އުއްބައްތި ހިފައިގެންނެވެ.

ކޮވިޑް ޒީރޯ ސިޔާސަތާ ހުރެ ޗައިނާގައި މުޒާހަރާ ކުރަނީ

އުރުމްގީ އަކީ ޒިންގްޖިއާންގެ ވެރިރަށަށް ވާ އިރު އެއީ އެ ސަރަހައްދުގެ އެންމެ ބައިބޯ އަދި އެންމެ ތަރައްގީ ސަރަހައްދެވެ. އުސް އިމާރާތްތަކުގައި އެތައް ބަޔަކު އުޅެމުން ދާ އިރު އަލިފާނުގެ ހާދިސާ ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވާން ލިބޭ ފުރުސަތު ކުޑައެވެ. އަދި ލޮކްޑައުން އާ އެކު އެހެން ލިބެން ހުރި ފުރުސަތުތައްވެސް ސަރުކާރުން އޮތީ ބަންދު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ އުރުމްގީ އާއި މުޅި ޗައިނާގެ ލޮކްޑައުން އުވާލުމަށް ގޮވާލައި ވަނީ އަޑުއުފުލާފައެވެ. އޭގެ ތެރެއިން ބައެއް މީހުން، ކޮމިއުނިސްޓް ޕާޓީ އާއި ޝީގެ އިސްތިއުފާއަށްވެސް ގޮވާފައި ވެއެވެ.

މުޒާހަރާ ރޫޅާލަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރި ވި އިރު، މުޒާހަރާގެ ބައިވެރިންގެ ގައިގައި ތަޅާ އަނިޔާ ކުރި ކަމަށް، އޭއެފްޕީން ރިޕޯޓް ކޮށްފައި ވެއެވެ.

މުޒާހަރާ ތަކާ ގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ޗައިނާގެ މީޑިއާގެ ވަސީލަތްތަކުން ޑިލީޓް ކޮށްލާފައި ވާ އިރު، ބައެއް ފޮޓޯއާއި ވީޑިއޯ ޗައިނާގެ ކޮންޓްރޯލް ނެތް ސޯޝަލްމީޑިއާ ޕްލެތްފޯމް ތަކުގައި ދައުރުވަމުން އެބަދެއެވެ. ހަބަރުތައް ބުނާ ގޮތުން، އެ މުޒާހަރާތަކުގައި އެތައްހާސް ބަޔަކު ބައިވެރި ވިއެވެ.

މުޅި ދުނިޔެ ކޮވިޑާއެކު އުޅެން ދަސްކޮށް އުޅެމުން ދިޔަ ނަމަވެސް ޗައިނާގެ ސިޔާސަތަކީ، ޕީސީއާރު ހެދުމާއި، ލޮކްޑައުން ކުރުމެވެ. ފާއިތުވި 6 މަސް ދުވަހަށް ބަލާ އިރު ފާއިތުވި ހަފްތާ އާއި މިހަފްތާ އަކީ ކޮވިޑް ކޭސްތައް އެންމެ މަތިވި ހަފްތާއެވެ. މި 2 ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކު އަދަދުތައް މަތިވަމުން ގޮސް މިއަދުވެސް 32،000 މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.