ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ 26 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

މީގެއިތުރުން 320 މީޓަރުގެ ސްކައުރިން އޭޕްރަންއެއް ހެދުމާއި، 1,600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުން އަދި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 38.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ ގިނަ މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.