ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފިއެވެ.

ނަޝީދަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތުތަކެވެ.

އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • 18 އަހަރުގެ އެ މީހާ މާލޭގެ ގޭންގަކަށް ނިސްބަތްވުން
  • އޭނާ އަކީ މާރާމާރީ އާއި ތޫނު ހަތިޔާރާ ގުޅުންހުރި ރެކޯޑު އޮންނަ މީހަކަށް ވުން

މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ، 18 އަހަރުގެ އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި، ހެކީގެ ގޮތުގައި ހެކިންގެ ހެކި ބަހާއި، ސީސީޓީވީ ސްނެޕްޝޮޓުތަކާއި، އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓް ފުލުހުން ހުށަހަޅާފައިވެއެވެ.

އެހެންކަމުން، މުޖުތަމައުގެ ސަލާމަތަށްޓަކައި އެ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އެބައޮތް ކަމަށް ވިދާޅުވެ، ގާޒީ އަމުރުކުރެއްވީ ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށެވެ.