ފުއްޕާމޭގެ ސީރިއަސް އިންފެކްޝަނެއް ޖެހިފައި ވާ ޒުވާން އަންހެން ކުއްޖަކަށް ފަރުވާ ކުރި އިރު ސިއްހީ ގޮތުން އެ މައްސަލަ އެ ކުއްޖާއާ ކުރިމަތިވެފައި ވަނީ ނޭވާލާ ހޮޅީގައި ސުޕާރީ ފުކެއް ތާށިވެގެން ކަމަށް ފަރުވާ ކުރި ޑރ. ބުނެފިއެވެ.

ދާދި ފަހުން ވަނީ އެފަދަ ހާދިސާއެއް ދިމާވެފައި ހުރި އަންހެން ކުއްޖެއްގެ ވާހަކަ، އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ސްޕެޝަލިސްޓް ޑރ. މުހައްމަދު އިސްމާއިލް ހިއްސާ ކުރައްވާފައެވެ. ޒުވާން އަންހެން ކުއްޖެއްގެ ފުއްޕާމޭގައި ސީރިއަސް އިންފެކްޝަނެއް އުފެދި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުން، ވަނީ ބްރޮންކޮސްކޮޕީ ހަދާފައެވެ.

ބްރޮންކޮސްކޮޕީ އަކީ ފުއްޕާމެ އާއި ވައިގެ މަގުތައް ބެލުމަށް ހަދާ ޕްރޮސީޖާއެކެވެ. މިއީ އާންމުކޮށް ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް (ޕަލްމޮނޮލޮޖިސްޓެއް) ކުރާ ކަމެކެވެ. ބްރޮންކޮސްކޮޕީ ގައި ތުނި ޓިއުބެއް (ބްރޮންކޮސްކޯޕް) ނޭފަތް ނުވަތަ އަނގައިން، ކަރުން ތިރިއަށް އަދި ފުއްޕާމޭގެ ތެރެއަށް ވެއްދައިގެން ފުއްޕާމެ އާއި ނޭވާލާ ހޮޅި ބަލާލެވޭނެއެވެ.

އެގޮތުން ފުއްޕާމޭގައި ފެން ހެދޭ ސަބަބު ދެނެގަތުމަށް ހެދި މި ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުގައި އެ ކުއްޖާގެ ކަނާތު ފުއްޕާމެއަށް ވައި ފޯރުކޮށްދޭ ހޮޅި ވަނީ ސުޕާރީ ފުކެއްގެ ސަބަބުން ބެދިފައެވެ. އެ ކުއްޖާގެ ފުއްޕާމެއަށް ދިމާވި މި މައްސަަލަ އަކީ އެ ސުޕާރީ ފުށް ތާށިވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަަމަށް އެ ޑޮކްޓަރު ވިދާޅުވެއެވެ. އަދި އެ ކުއްޖާ އަކީ ވަރަށް ގިނައިން ސުޕާރީ ކާ ކުއްޖެއް ކަމަށް ވެސް ބުނެފައިވާ ކަމަށް އެ ޑޮކްޓަރު ވިދާޅުވެއެވެ.

އެ ކުއްޖާގެ ނޭވާލާ ހޮޅީގައި ތާށިވެފައިވާ ސުޕާރީ ފުށް ވަނީ ކާމިޔާބު ކަމާ އެކު ނަގާފައެވެ.

ފުއްޕާމޭގައި ފެން ހެދިއްޖެ ނަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި މޭގައި ރިއްސުމާއި މާ ގިނައިން ހިކި ކޮށި ކެއްސުން އަދި ކޮޅަށް ނުވަތަ ތެދަށް މީހާ އިށީނދެގެން އިންން ވަގުތު ތައް ފިޔަވާ އެހެން ގޮތްގޮތަށް ހަށިގަނޑުގެ ބަހައްޓައިގެން ހުންނަ އިރު ނޭވާ ލާން އުނދަގޫ ވުން ހިމެނެއެވެ.

ޒަމާނުއް ސުރެ ދިވެހިންނަކީ ދުފުމަށް ލޯބި ކުރާ ބައެކެވެ. ޒަމާން ބަދަލު ތަރައްގީ ވެގެން އައި އިރު ފޯކާއި ބިލަތް ލައިގެން ދުފުމުގެ ބަދަލުގައި ކިއްލި ސުޕާރީ އަދި މޮޅެތި ދުފުން ގަނޑު ބޭނުން ކުރާ މީހުން މަދެއް ނޫނެވެ. ހާއްސަކޮށް ހުސް ވަގުތު އަނގަޔަށް ލައިގެން ހަފާލުމަށް ނުވަތަ އަނގަ މީރު ކޮށްލުމަށް ސުޕާރީ ކާ ދިވެހިން ގިނަ ކަން ފާހަގަ ކުރެވެއެވެ.

ސުޕާރީ ކައިގެން ސުޕާރީ ފުށް ކަރުތެރޭ ނުވަތަ ނޭވާލާ ހޮޅިތެރޭ ތާށިވާ މީހުން ފެންނަ ކަން ފާހަގަ ކުރެވެއެވެ. ކޮށިއަރައިގެން ފެން ފޮދެއް ބޯލައިގެން އޯކޭ ވެއްޖެ ކަަމަށް ގަބޫލު ކުރެވުނަސް އެ ފަދަ ކަމެއް ދިމާވެގެން ސިއްހަތަށް ނުރައްކާތެރި ކަމެއް ދިމާވެދާނެ ކަމަށް ގަބޫލު ކުރާ މީހުން މަދުވުމަކީ ސުޕާރީ ކެއުން މަދު ކުރުމަށް ނަސޭހަތް ދިނަސް އެކަން މަދު ނުކޮށް އަދި ހުއްޓާ ނުލައި ބައެއް މީހުން ކުރިއަށް ގެންދާ ކަމެކެވެ.

ދުފުމަކީ ސިއްހަތަށް ގެއްލުން ހުންނަ ކަންކަމެވެ. ދުފުމަކީ އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރަށް ވެސް މަގު ފަހިވާ ކަމެކެވެ. ދުފައިގެން އަނގައިގެ ކެންސަރު ރާއްޖެއިން ފެންނަ މިންވަރު އިތުރުވަމުން އަންނަ އިރު މިއީ އަދުގެ ޒުވާނުން ވިސްނާލަން ޖެހޭ ކަމެކެވެ.