މުސްލިމުންގެ ގިބުލަ ކަމުގައިވާ ކައުބަތުﷲ ގެފުޅު ހުންނަ މައްކާއަށް ދާން އޮންނަ މައި ރަށް ޖިއްދާއަށް ބޯކޮށް ވާރޭވެހި ފެނބޮޑުވެއްޖެއެވެ. އަދި މިހާދިސާގައި މިހާތަނަށް 2 މީހަކު މަރުވެފައި ވާ ކަމަށް އިދާރާތަކުން ހަބަރު ދޭ އިރު، ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅނަދުތައްވެސް ފެންގަނޑުތެރޭގައި ތާށިވިކަމަށް ހަބަރު ލިބެއެވެ.

ސޯޝަލްމިޑިއާގައި އާންމު ވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އުޅަނދުތަކުގެ މެދަކާ ހަމައަށް ފެންގަނޑު ހުރި ބޮޑުވެފައެވެ. އަދި ގޭގެއަށް ފެންގަނޑު ވަންނަމުން ދާތަންވެސް ފެނެއެވެ.

މިހާދިސާ އާ ގުޅިގެން، ސްކޫލުތައް ބަންދު ކުރަން ޖެހުނު އިރު މިދުވަސް ވަރަކީ ސައުދީ މަދަރުސާތަކުގައި އިމްތިހާނުވެސް ހިނގަމުންދާ ދުވަސްވަރެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ ދަތުރުތަކަށް ބުރޫ އަރާ ބޮޑެތި އުނދަގޫތައް ވަނީ ދިމާވެފައެވެ.

ކޮންމެ އަހަރަކުވެސް ޖިއްދާއަސް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެއް އާދެއެވެ. މިހާރު ޖިއްދާ އަށް ކުރަމުން ދާ ވިއްސާރައިގައި ދެމީހަކު މަރުވި އިރު 2009 ގައި ކުރި ވިއްސާރައިގައި 123 މީހަކު މަރުވިއެވެ.

މި ވިއްސާރައިގެ އަސަރު މައްކާއަށް ވެސް ކޮށްފައި ވާ ކަމަށާއި ނަމަވެސް ފެންބޮޑު ވުމުގެ ހާދިސާއެއް ނުހިނގާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ވިއްސާރަ މޫސުމަށް ތައްޔާރުވެ 11،000 އޮފިޝަލުން ތިބި ކަމަށްވެސް ބުނެއެވެ.

މައްކާ ސަރަހައްދަކީ އާންމުކޮށް ވާރޭ ވެހޭ ސަރަހައްދަކަށް ނުވާ އިރު، އެއީ އާންމުކޮށް ހޫނު ގަދަ ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.