ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކުޅުންތެރިން، ތުއްތު ދަރިންނާ އެކު ސައޫދީ އަރަބިއްޔާގައި އޮންނަ ޓްރެއިނިން ކޭމްޕަކަށް އިއްޔެ ފުރައިފިއެވެ.
މީގެ ކުރިން ޓްރެއިނިން ދަތުރުތަކާއި މުބާރާތްތަކުގައި ބައިވެރިވެވެނީ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް އެކަންޏެވެ. އެހެންކަމުން މިއީ ތުއްތު ދަރިން ގޮވައިގެން ގައުމީ ޓީމެއްގެ ކުޅުންތެރިން ޓްރެއިނިން ކޭމްޕަކަށް ފުރާ ފުރަތަމަ ފަހަރެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވިދާޅުވީ، ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިން މީގެ ފަހުން ވިހެއުމަށް ފަހު ކުޅުން ހުއްޓާލާ، ކުޅިވަރު ކުޅުމާ ދުރަށް ދާން ވިސްނާކަށް ނުޖެހޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއް އަހަރު ނުވާ ދަރިފުޅު ގޮވައިގެން ބޭރު ގައުމުތަކުގައި ބާއްވާ މުބާރާތްތަކަށާއި ތަމްރީނު ކޭމްޕްތަކަށް ކުޅުންތެރިން ފޮނުވޭނެއެވެ.
ފޮޓޯ އާ އެކު ކުރެއްވި އެ ޓްވީޓްގައި މަހްލޫފް ފާހަގަކުރެއްވި ގޮތުގައި، ގައުމީ އަންހެން ވޮލީ ޓީމް ސައޫދީ އަށް ފުރާފައި ވަނީ އެއް އަހަރު ނުވާ ތުއްތު ހަތަރު ކުދިން ގޮވައިގެންނެވެ.
އިއްޔެ ގައުމީ އަންހެން ވޮލީ ޓީމާއި ފިރިހެން ވޮލީ ޓީމް ސައޫދީ އަށް ޓްރެއިނިން ކޭމްޕަކަށް ފުރާފައި ވަނީ އަންނަ މަހުގެ 18 ގައި ރާއްޖޭގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ފުޓްބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން، ކުރިއަށް އޮތް އަހަރުތަކުގައި ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ ފުޓުބޯޅައިން އަދި އެހެން ކުޅިވަރުތަކުން ވެސް ފެނިގެންދާނެ ކަމަށް." މަހްލޫފް ވިދާޅުވިއެވެ.
ފަރިތަކުރުން ކުރިއަށްދާއިރު ދަރިފުޅު ބަލަނީ ކާކުބާ