އިންޑިއާގެ ސޫތުކުޅިން ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް މުދާ ސަޕްލައިކޮށް ދިނުމަށް ހުޅުވާލާފައިވާ ކަމަށް "ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސަލް އޯނާސް އެސޯސިއޭޝަން" (ސީއެމްއެސްވީއޯއޭ) އިން ބުނެފިއެވެ.

ސީއެމްއެންވީއޯއޭއިން މިހެން ބުނީ، މި މަހުގެ 22 އަދި 23 ވަނަ ދުވަހު އެ ޖަމިއްޔާއިން ރާއްޖެއަށް އައި ވަފުދު ކުޅުދުއްފުށީ ސީޓީއާއި އައްޑޫ ސީޓީގައި ބޭއްވި ބައްދަލުވުން ތަކުގައި ވާޙަކަ ދައްކަމުންނެވެ.

ސީއެމްއެސްވީއޯއޭގެ ފަރާތުން މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަތް ވަފުދުގައި ދިވެހިރާއްޖޭ އަށް ސޫތުކުޅިން އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނިވަޑައިގަންނަވައެވެ. މި ޖަމިއްޔާ އަކީ 100 އަހަރަށްވުރެ ދިގު ތާރީހެއް އޮތް ޖަމިއްޔާއެކެވެ. އަދި ސޫތުކުޅީގެ އުޅަނދު ފަހަރުތަކަކީ ޒަމާނުންސުރެ ދިވެހިރާއްޖެ އަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނީ، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުالله ހިމެނިވަޑައިގަންނަވާ ގޮތަށް، އެމްޕީއެލްގެ މެނޭޖްމަންޓްގެ ޓީމެއް ވެސް ސީއެމްއެސްވީއޯއޭގެ ވަދުފާއެކު ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީއަށް ވަޑައިގަތް ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލް އާއި އެ ސަރަހައްދުގެ ވިޔަފާރިވެރިން ހިމެނޭ ގޮތަށް ބައްދަލުވުމެއް ބާއްވައިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު އައްޑޫ ސިޓީ އަށް ޒިޔާރަތްކޮށް، އައްޑޫ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންނާ ވަނީ ބައްދަލު ކޮށްފައި ވާއިރު މި ބައްދަލުވުމުގައި ފުވައްމުލަކު ކައުންސިލުން ވެސް ވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓަށް ވެސް ސީއެމްއެސްވީއޯއޭގެ ވަފުދުން ވަނީ ޒިޔާރާތް ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ބޭއްވި ބައްދަލުވުންތަކުގައި ވެސް، ސީއެމްއެސްވީއޯއޭގެ މަންދޫބުން ބުނީ ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓަށް އިންޑިއާގެ ސޫތުކުޅިން ޕެރިޝަބަލް އަދި އެހެން މުދާ ފޯރުކޮށްދޭ އުޅަނދުތައް އޮޕަރޭޓްކޮށް ދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަށީގެންވާ އަދަދަށް މުދާ ގެނެވޭ ނަމަ، އެ ދެ ސަރަހައްދަށް ވެސް ޝެޑިއުލް ދަތުރުތަކެއް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި އުޅަނދު ފަހަރު އޮޕަރޭޓްކުރުމުގެ އިތުރުން، ރާއްޖެ އަށް މުދާ އިމްޕޯޓްކުރާ ސަޕްލައިކުރުން ވެސް އެ ޖަމިއްޔާގައި ހިމެނޭތީ، ވިޔަފާރިވެރިންނަށް މުދާ ސަޕްލައިކޮށް ދިނުމުގެ ހިދުމަތް ހުޅުވިފައިވާ ކަމަށް މަންދޫބުން ބުނެއެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ޙިދުމަތް ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި މުދާ އެތެރެ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ވެސް ހިއްސާކޮށްފައެވެ. މި ވިޔަފާރިވެރިންނަށް ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ހިދުމަތް ހޯދުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެމްޕީއެލުން ވަނީ މި ބައްދަލުވުންތަކުގައި ދީފައެވެ.