އއ. އުކުޅަހު ސްކޫލުގައި ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރެއްގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޕްރީ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސާޓެއްގައި ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމާ ގުޅިގެން 3 ޓީޗަރު ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ 17 ދުވަހު 7 ދުވަހުގެ މުއްދަތަކަށެވެ. އަދި މިއަދު އެ މުއްދަތު ވަނީ ހަމަވެފައެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެ މައްސަލަ ބަލާ ނުނިމޭތީ މި މަހުގެ 30 އާ ހަމައަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ސަސްޕެންޑް ކުރިކަން އަންގާ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވާ ފޮނުވި ލިޔުމުގައި ބުނީ، އެ ޓީޗަރުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ އަދި ޒިންމާ އަކީ ގައުމީ މަންހަޖާ އެއްގޮތަށް އަމަލުކުރުން ކަމަށާއި ނަމަވެސް ގައުމީ މަންހަޖާ އެއްގޮތަށް އެ ގްރޭޑްތަކުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލްވާނެހެން ކުރަން ޖެހޭ ކަންކަމަށް ދެކޮޅު ހަދައި އެކަންކަން ދަރިވަރުންނަށް ރާވައި ހިންގުމަށް އެ ޓީޗަރުން ފާޅުގައި ދެކޮޅު ހަދައި އިންކާރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭ އިދާރީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަންދެން އެ ޓީޗަރުން ސްކޫލަށް ދިއުން މަނާ ކަމަށް އެ ލިޔުމުގައި ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންސެޓްގައި މިޔުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅުހެދީ ހަތަރު ޓީޗަރެކެވެ. ނަމަވެސް މިނިސްޓްރީގެ އިރުޝާރާ އެއްގޮތަށް އެ ޓީޗަރުންނަށް ޕްރިންސިޕަލް އެންގެވުމުން ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރަކު ވަނީ ދެކޮޅު ހަދާފައެވެ.