ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިން މަހަށް އިތުރުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސް ފާސްކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ފިޔަވާ ހުރިހާ މައްސަލަތަކެއްގައި ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބެނީ 75 ދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ފަހުން ހުށަހެޅި އިސްލާހާއެކު އެ ގާނޫނުގެ ދަށުން ބަންދުކުރާ މީހުންގެ ތަހުގީގަށް 90 ދުވަސް ލިބެއެވެ.

މި ބިލަކީ މި އަހަރުގެ ނޮވެންބަރު 7 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ކުރިން އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ތަހުގީގު ނިންމާ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެއެވެ. އެހެންނަމަވެސް ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ އިސްލާހުގައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތަހުގީގު ނިންމަން ޖެހޭ މުއްދަތު 45 ދުވަހަށް އިތުރުކޮށްފައެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ މައްސަލަތަކާއި މީހުން މެރުމާއި ނުރައްކާތެރި މާރާމާރީ އާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަނީ ލޯންޑަރިންނާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމެވެ.