ދަރިން ކުރިމަތީގައި އަނިޔާކުރުމުން އެ ކުދިންނަށް އެކަމުގެ އަސަރުކުރާނެ ކަމަށާއި، އަންހެނުންނަށް ކުރާ އަނިޔާތަކުގައި ޖޫރިމަނާގެ އަދަބެއް ދިނުމަކީ އެފަދަ ކަންކަމާ މެދު ފަރުވާކުޑަކުރުން ކަމަށް، ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފިއެވެ.

މީގެ ހަތަރު އަހަރު ކުރިން މާލޭގައި ކުރީގެ އަނބިމީހާ އޭނާގެ ގެއަށް ނުވެއްދުމުން، ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ދަރިންގެ ކުރިމަތީގައި އޭނާގެ ބޮލުގައި ތެޅި މައްސަލައިގައި ދައުލަތުން ދ. އަތޮޅުގެ ފުލުހަކަށް ދައުވާ ކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވިއެވެ. އެ ހާދިސާ ހިނގީ ދެ މީހުންގެ 13 އަހަރުވީ ކައިވެނި ރޫޅުނުފަހުން ކަމަށްވާއިރު، އެ މައްސަލައިގައި 17 އަހަރު ވަންދެން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އެ މީހާ އަށް ދައުލަތުން ތިން ދައުވާ އެއް ކުރިއެވެ. އެ ދައުވާތަކަކީ:

  • އަނިޔާ އެއް ދިނުން
  • ހުއްދަނޫން ތަނަކަށް ވަނުން
  • މުދަލަށް ގެއްލުން ދިނުން

އެ މައްސަލައިގައި ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވުމުން، ފުލުސް މީހާ ކޯޓުގައި އެދުނީ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށެވެ. އަދި އަމިއްލަ ލޯނުތަކެއް އޮތުމުން ޖަލަށްލައިފި ނަމަ، ދަރިން މަގުމަތިވެ ލޯނު ނުދެއްކި ދާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ ފުލުސް މީހާ ކުށްކުރި ގޮތަށް ބެލުމަށް ފަހު، އަދަބުގެ އަސާސީ މިންގަޑަށް ވުރެ ދަރަޖަ މަތިކުރުމަށް ފަހު ނުވަ މަހާއި 18 ދުވަހަށް އެ ފުލުސް މީހާ ޖަލަށް ލުމަށެވެ.

ވަކިވަކިން އިއްވެވި ތިން ހުކުމުގައި ގާޒީ ފާހަގަކުރެއްވި ގޮތުގައި، ކުރީގެ އަންހެނުންނަށް އަނިޔާކޮށްފައި ވަނީ ދަރިންގެ ކުރިމަތީގައި ކަމަށްވުމުން، އޭގެ އަސަރު އެ ކުދިންނަށް ކުރާނެއެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކުގައި ޖޫރިމަނާގެ އަދަބެއް ދިނުމަކީ އެފަދަ ކަންކަމާ މެދު ފަރުވާކުޑަކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ދައުވާ އަށް އިންކާރުކޮށް ފުލުސް މީހާ ބުނީ، އަންހެން މީހާ އަށް އޭނާ ހަމަލަދީފައި ވަނީ، އަންހެން މީހާ ހަމަލަދޭން ފެށުމުން ނަފްސު ދިފާއުކުރުމުގެ ގޮތުން ކަމަށެވެ. އެކަމަކު ގަދަކަމުން އަންހެން މީހާގެ ގެއަށް ވަދެ އަނިޔާކުރީ ނަފްސުގެ ދިފާއުގައި ކަމަށް ބުނާ ވާހަކަ ހަމަނުޖެހޭ ކަމަށް، ކޯޓުގެ ހުކުމްގައިވެއެވެ.

ފުލުސް މީހާ ބުނި ގޮތުގައި، އެ ގެއަށް އޭނާ ކުލި ދައްކާތީ އެތަނަށް އޭނާ އަށް ވަނުމުގެ ހުއްދަ އޮންނާނެއެވެ. އެކަމަކު ކޮންމެ މީހަކު ކުލި ދެއްކިޔަސް ވެސް، އެ ތަނެއްގައި އުޅޭ މީހުންގެ ހުއްދަނެތި ވަނުން މަނާ ކަމަށް، ކޯޓުން ކުރި ހުކުމްގައި ބުންޏެވެ.