ސަލާމަތީ ބާރުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބާރުގަދަ ގޮއްވުން ތަކަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މާލެއަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ 14 މީހަކު ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނ، މިއޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ގެތަކުންނާއި، މިފަރާތްތައް ބޭނުން ކުރަމުން ދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައިފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިމައްސަލައިގައި ހައްޔަރުކުރި މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގި އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވްއޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)ގެ ފަރާތުން ޗެކްކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ކަމަށް ދައްކާފައިވާ ކަމަށެވެ.
މިގޮތުން ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއް ކަމާއި، މިވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށްބޮޑެތި ގެއްލުން ދެވިދާނެކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން 5 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހެއްގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވާއިރު ބާކީ 5 މީހުންގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މިމަހު 14 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހުއްޓުވާފައި ވަނީ ގިނަ ބަޔަކު މަރާލަން ދޭން އުޅުނު ހަމަލައެއް ކަމަށެވެ. އެ ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، އެ އޮޕަރޭޝަން ޑިސްރަޕްޓިވް އޮޕަރޭޝަނެއްގެ ގޮތުގައި ގެންދިޔައީ އެހެންވެ ކަމަށް ވެސް ފުލުހުން ބުންޏެވެ.