ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 82 ޕަސެންޓް ނިމިއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން ބުނީ، ފަޔާ ބިލްޑިން އަދި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 95 ޕަސެންޓު އަދި 80 ޕަސެންޓު މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި މަޝްރޫގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހެވެ.

ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓު މިއަހަރު ފަހުކޮޅު މަސައްކަތް ނިމި، އަންނަ އަހަރު ކުރީކޮޅު އެއާޕޯޓު ހުޅުވޭ ވަރުވާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.