އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް މަގު އެއްވަރުކޮށްފައި މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވުމުން މިހާރު އެ މަގުގައި އަޑިގުޑަން ހެދެން ފަށައިފިއެވެ.

މި މަސައްކަތް ނުނިމި ދިގުލައިގެން ދާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން މަގުގެ މަސައްކަތް ނުނިމި ލަސްވެ މަގު ބަންދު ކޮށްފައި އޮތް ނަމަވެސް ސައިކަލާއި އެހެން ބައެއް ވެހިކަލް ވަންނަން ފެށުމުން މިހާރު ވަނީ އަޑިގުޑަން ވާން ފަށާފައެވެ.

އެ މަގުގައި މަސައްކަތް ފެށި ސަރަހައްދުގެ ދެކޮޅުގައި ބެރިކޭޑް ބެހެއްޓުން ފިޔަވައި މިހާރު އެއްވެސް މަސައްކަތެއް ނުހިނގައެވެ. މިއަދާ ހަމައަށް އައި އިރު އަޑިގުޑަން ވުން ނޫން ކަމެއް ފާހަގަ ނުވާ އިރު، މަސައްކަތް ހުއްޓާލާފައި ވަނީ ތާރު އެޅުމަށް އެ މަގުގެ ފަސްގަނޑު އެއްވަރު ކުރުމަށް ފަހުއެވެ.

މަގުގެ މަސައްކަތް ނުނިންމާ މަޑު ޖައްސާލުމަކީ އަނެއްކާވެސް އިތުރު މަސައްކަތް ކޮށް ގިނަ ދުވަސް ވެ، އިތުރު ހަރަދު މި ޕްރޮޖެކްޓަށް ހިނގާނެ ކަމެކެވެ. މަގު ނުހެދި ދިގުލައި ތާރު އަޅާނެ ދުވަހެއް އާރްޑީސީން ވެސް ހާމަކޮށްފައި ނުވާ އިރު، އަލުން ތާރު އަޅަން މަސައްކަތް ފަށާއިރު ޖެހޭނީ ފަސްގަނޑު އެއްވަރުކުރާށެވެ. އެހެންކަމުން ކުރިން މަގުގެ ފަސްގަނޑު އެއްވަރު ކުރުމަށް ކުރި މަސައްކަތަކީ ބޭކާރު ވަގުތާއި ބޭކާރު ހަރަދު ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މަޑު ޖައްސާލައިފައި އޮްވާ މަގުގައި ފެންހެދި ވަޅުގަނޑުތައް ހެދެނީ

މަގު ހެދުމުގެ މަސައްކަތް ހުއްޓާލި މައްސަލައިގައި ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނާތީ އާރްޑީސީން މިއަދު ވަނީ މަސައްކަތް މެދުކަނޑާލަން ޖެހުނު ސަބަބު ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އަމީނީމަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކުރި ދުވަހުން ފެށިގެން އެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކޯޕަރޭޝަނުން ޕްލޭން ކޮށްފައި ވާ ގޮތަށް ކަމަށެވެ. ނަމަވެސް މި ވަގުތު އެ މަގު ހެދުމުގެ މަޝްރޫއު މެދުކަނޑާލާފައިވާ ކަމަށާއި އެގޮތަށް މަަސައްކަތް ހުއްޓާލާފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށް ވެސް އާރްޑީސީން ބުނެއެވެ.

މި މަސައްކަތަކީ އާރްޑީސީގެ އިތުރުން ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އާރްޑީސީން ބުނެއެވެ. އެގޮތުން މި މަސައްކަތް މަޑުޖައްސާލުމަށް ޕްލޭނިން މިނިސްޓްރީން އެދިފައި ވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށް ދީފައި ނުވާތީ ކަމަށް އާރްޑީސީން ބުނެއެވެ.

މިހާރު އަމީނީ މަގުގެ މަސައްކަތުގެ ތެރެއިން އެ މަގުގެ ސެގްމަންޓް 1 ގެ ތާރުއެޅުން ފިޔަވާ އެހެން މަސައްކަތްތައް ވަނީ ނިމިފައި ކަމަށް އާރްޑިސީން ބުނެއެވެ. އަމީނީ މަގުގެ ތާރުއެޅުމަށް ނިންމާފައި ވަނީ ދެބަޔަކަށް ބަހާލައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ ގޮތުން ތާރު އަޅަން ފަށާނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހިސާބަށް ދިޔުމުން ކަމަށް ވެސް އާރްޑީސީން ބުނެއެވެ.

މީގެ އިތުރުން ތާރު އެޅުމުގެ މަސައްކަތް ނުފެށި އޮތް ނަމަވެސް އެހެނިހެން މަސައްކަތްތައް ނިމޭ ވަރަކުން އެ ސަރަހައްދަށް ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހުުވާލުމަށް ނިންމާފައި ވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތަށް މީގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ފުރަތަމަ އެ މަގު ހެދުމުގެ މަސައްކަތް ފެށި އިރު، މަގުގައި ހުރި ގަސްތައް ކެނޑި މައްސަލަ ހޫނު ވެ އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަމީނީ މަގު ހެދުމުގެ މަސައްކަތަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ކުރިން މަގު ހަދާފައިވާ ގޮތަށާއި ފަހުން މަގު ހެދަމުންދާ ގޮތުގެ ޕްލޭނަށް ފާޑު ވިދާޅުވަމުން މުއިއްޒު ވަނީ މަގުގައި ދުއްވާ އެއްޗެހި ދުއްވާ ބައި ކުރިއަށް ވުރެ ކުޑަ ވެއްޖެ ކަމަށް ވިދާޅުވެފައެވެ.