މުޅިން އާ ދިވެހި ބްރޭންޑްތައް އީޖާދުކުރުމުގެ ގާބިލްކަން ދިވެހި ޝެފުންގެ މެދުގައި އެބަހުރި ކަމަށް ވިދާޅުވެ، ޝެފުންގެ އެފަދަ އިސްނެގުމަކަށް އިންތިޒާރުކުރައްވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަލިނަރީ، ނުވަތަ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޝެފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ރާއްޖޭގެ ޝެފްސް ގިލްޑުން ވަނީ "ސީޖީއެމް ޝެފްސް އެވޯޑު"ގެ ނަމުގައި އެވޯޑު ހަފްލާ އެއް ތައާރަފްކޮށްފައެވެ. މިއީ ކެއްކުމުގެ ދާއިރާ އަށް ހާއްސަކޮށް މިފަދަ އެވޯޑު ހަފްލާ އެއް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

ޝެފްސް ގިލްޑުގެ ފުރަތަމަ އެވޯޑު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އަށް ލިބެމުންދާ ކާމިޔާބީގައި ރިޒޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރާ ޝެފުންގެ ހިއްސާ ބޮޑު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި ވެސް ދިމާވި އެންމެ ބޮޑު ދައްޗަކީ ޔޫރަޕުން އައި ފަތުރުވެރިންނަށް ކެއިން ބުއިމުގެ ހިދުމަތް ދިނުމުގައި ހުރި ދައްޗެވެ.

"އެކަށީގެންވާ ކެއްކުންތެރިން ރާއްޖޭގައި އެއިރަކު ނެތްކަން. އަދި ވިލާތުގެ ކެއްކުންތައް ކައްކަން ދަންނަ މީހުންވެސް، އޭރު ރާއްޖޭގައި ތިބިހެނެއް ހިޔެއްނުވޭ. ތިބިއްޔާ ތިބީ ވަރަށްމަދު ބައެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ކެއްކުމުގެ ދާއިރާގެ އަގުވަޒަންކޮށް ދިން "ޝެފް އެވޯޑްސް 2022"ގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

މިއަދު ކެއްކުމުގެ ހުނަރު ވަކި ފަންނެއްގެ ގޮތުގައި ރާއްޖޭގައި ފުޅާވަމުންދާ ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މިއަދު ދުނިޔޭގެ ފެންވަރުގެ ޝެފުންނާއި ރިޒޯޓުތަކުގައި ވެސް އެންމެ މަތީ ފަންތީގައި ދިވެހި ޝެފުން ތިބުން ކަމަށް، ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި ފަތުރުވެރިކަން ފުޅާވަމުންދާ ބާރުމިނަށް ބަލާއިރު، ދިވެހި ޝެފުން މަދުކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރަކު އާ ރިޒޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަން ހުޅުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވާ ވަރަކަށް، ޝެފުންނަށް ބޭނުންވާ މިންވަރު ވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ކެއްކުމުގެ ދާއިރާ އަށް ޒުވާނުން ނުކުމެ، ކެއްކުމުގެ ފަންނު ތަރައްގީކުރުމަށް ރައީސް އެދިވަޑައިގަތެވެ.

"އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށްވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާ އެއް. މިހާރު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަގްބޫލުކަން އިތުރުކުރުމަށްޓަކައި ދިވެހި ޒުވާނުން މި ދާއިރާ އަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
"ޝެފް އެވޯޑްސް 2022"ގައި އެވޯޑު ލިބުނު ޝެފުންނާ އެކު ރައީސްގެ ދެކަނބަލުން ފޮޓޮއަކަށް ހުއްޓިވަޑައިގެން / ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، ދިވެހި ޝެފުން ކެއްކުމުގެ ދާއިރާ އަށް ނުކުމެ، ދިވެހިންގެ ރަހަތަށް ބޭރުގެ ދޫތަކަށް ހެޔޮވަރު ކޮށްދެވިއްޖިއްޔާ، ދިވެހި ކަލިނަރީ ދާއިރާ އިން މުޅިން އާ ބްރޭންޑެއް އުފަންވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ވިލާތުގެ ރަހަތަކާއި ގުޅުވައި، މުޅިން އާ ރަހަތަކެއް އީޖާދުކުރުމުގެ ގާބިލްކަން ދިވެހިންގެ މެދުގައި އެބަހުރި ކަމަށާއި، އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ދިވެހި ޝެފުން ބައިވެރިވެ، އެ ހޯދާ ރަން ވަނަތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އާ ރަހަތަކާއި ބްރޭންޑްތައް އުފެއްދުމާ މެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި ގޮތުގައި، އެކަމުގެ ސަބަބުން ރާއްޖެ އަށް ރީތި ނަމެއް ލިބި، ފަތުރުވެރިކަން ވެސް ކުރިއަރައި ދާނެއެވެ.

"މިރޭ އެވޯޑް ހާސިލްކުރެއްވި ބޭފުޅުންގެ ކިބައިގައި، އެ ހުނަރާއި ފަންނު ހުންނާނެކަން އަޅުގަނޑަށް ހަމަ ޔަގީން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

"އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާ އާއި، ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީ އާއި، ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއް ވެސް އޮންނާނެ. މިއީ އަޅުގަނޑު ހިތުން ކުރަން ހަމަ ވަރަށް ރަނގަޅު ކަމަކަށް ވާނެ." އެމަނިކުފާނު ވިދާޅުވިއެވެ.