މި މަހުގެ ނުވަވަނަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށް، އައިޖީއެމްއެޗުން މިރޭ ބުނެފިއެވެ.

މިހާތަނަށް ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ، އަދި އިތުރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާއިރު، މީގެ ހަފްތާއެއް ކުރިން އައިޖީއެމްއެޗުން ބުނީ އޭނާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށާއި، ހާލު ކްރިޓިކަލް ކަމަށެވެ.

އައިޖީއެމްއެޗުން "ދަ ޕްރެސް" އަށް ބުނީ، އެ ހާދިސާގައި ފިހި، ހާލު ކްރިޓިކަލްވި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ވެންޓިލޭޓަރުން އޭނާ ނަގާފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ވޯޑަށް ބަދަލުކުރާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މި މަހުގެ ނުވަވަނަ ދުވަހުގެރޭ ހިނގި ހާދިސާގައި މަރުވި 10 މީހުންނަކީ:

  • ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއް
  • އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން

ފުލުހުން ވަނީ، އެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ ހަށިތައް މިދިޔަ ހޯމަ ދުވަހު ގައުމަށް ފޮނުވާލައިފައެވެ. އަދި ބަންގްލަދޭޝް މީހުންގެ ހަށިތައް އެ ގައުމަށް ފޮނުވާލާފައިވާ ކަމަށް، އެ އިދާރާ އިން މީޑިއާތަކަށް މިއަދު ބުންޏެވެ

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާ ހިނގި ގެ ސާފު ކުރަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ މީހެއްގެ ފައިތިލަ އެއް ފެނިފައެވެ.

އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ޖަމިއްޔާ އިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު، އެންޑީއެމްއޭ އިން ވެސް ވަނީ 135،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފައެވެ. އަދި ހާލުގައި ޖެހުނު 33 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ދީފައިވެއެވެ.