ޑްރަގްގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާ ގުޅިގެން، މާދަމާގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ، އުމުރުން 28 އަހަރުގެ ވިލާ / ލ. ގަން، ހުސައިން އާތިފެވެ.

ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރާ ހަވާލާދީ ފުލުހުން ބުނީ، އާތިފް ހޯދަމުން ދަނީ އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާ ގުޅިގެން، ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓައިގެން މާދަމާ މެންދުރުފަހު 12 އަށް، ގަމު ކޯޓަށް ހާޒިރުކުރަން ޖެހޭތީ ކަމަށެވެ.

އޭމާ އަކީ އެ މައްސަލައިގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ނަމަވެސް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި ކޯޓަށް ހާޒިރުވާން އެންގި އެންގުންތަކަށް އޭނާ އިޖާބަދީފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން އާތިފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓު ނަންބަރު (9991442) އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.