ދަރިންނަކީ މައިންބަފައިންނަށް ހަވާލުކުރެވިފައިވާ އަމާނާތަކަށް ވާއިރު އެ އަމާނާތް އަދާކުރުމަށް ކޮންމެ މަންމައަކާއި ބައްޕަގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާތައް ނުހަނު ބޮޑެވެ. އެކަނި މަންމައަކު ނުވަތަ ބައްޕައަކު ދަރިއަކު ބެލުމަކީވެސް ވަރަށް ބުރަ ކަމަކަށްވާއިރު އާމްދަނީ ހޯދަން މަސަައްކަތް ކުރަމުން އެކަނި ދަރިއެއް ނުވަތަ ދަރިންތަކެއް ބެލުމުން އަންނަ މަންމައިންނާއި ބައްޕައިން އުޅެއެވެ. އެގޮތުން ފ. މަގޫދޫ، އަލީ ޒާހިރަކީ އެކަނި ދަރިން ބެލުމުގެ ނަމޫނާ ބައްޕައެކެވެ.

މީގެ 3 އަހަރުކުރިން 2019 ވަނަ އަހަރު އަލީ ޒާހިރާއި އޭނާގެ އަނބިމީހާ ސީމާ މޫނާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔައިރު އެ ދެމީހުންގެ ތިން ދަރިން ތިއްބެވެ. ހައްޖުގެ އަޅުކަން ނިމި މިނާގައި ތިއްބާ ސީމާ ވަރަށް ބޮޑަށް ބަލިވެ، އެތަނުގެ ކްލިނިކެއްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ބަދަލުކުރިއެވެ. އެޑްމިޓްކުރިތާ 3 ވަނަ ދުވަހު، ހައްޖު މަހުގެ 13 ވަނަ ދުވަހު ސީމާ ނިޔާވީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން ކަމަށް ޒާހިރު ބުނެއެވެ.

ސީމާ ނިޔާވިއިރު 5 އަހަރުގެ ފިރިހެން ދަރިއެއް އިތުރުން 9 އަހަރާއި 13 އަހަރުގެ އަންހެން ދަރިއަކު ތިބިއިރު އެ ދުވަހުން ފެށިގެން މިއަދާ ހިސާބަށްވެސް ގޭގެ ހުރިހާ ކަމެއްގެ އިތުރުން ވަޒީފާއަށް ދަމުން ދަރިންގެ ކަންކަން ބަލަހައްޓަމުން އަންނަނީ ޒާހިރުއެވެ. އަދި އަމިއްލަ ގޭގައި ތިން ދަރިންނާއެކު އުޅެމުން ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި ހުރެ ގޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ވެސް ޒާހިރުއެވެ.

ޒާހިރު ބުނީ ވަޒީފާގައި އިތުރުން ކުދިންގެ ސްކޫލު ކަންކަމުގައި އުޅެން ފުރަތަމަ އުނދަގޫވި ނަމަވެސް ރާވާލައިގެން އެކަންކަން ކުރުމުން އުނދަގޫ ނުވާ ކަމަށެވެ. ހެނދުނު 6:45 ގައި ދަރިން ސްކޫލަށް ގޮވައިގެން ދިއުމަށްފަހު ޒާހިރު މަރުކަޒަށް ދަނީ 8 ޖަހާއިރަށެވެ. އަދި އިންޓޯލު ގަޑީގައި ސްކޫލުން ކުދިން ބަލާދާއިރު ސައިކަލުގައިި އުުޅެން ޖެހުމާއެކު ޒާހިރުއަށް މާ ބޮޑު އުދަނގުލަކާ ކުރިމަތިލާން ނުޖެހޭ ކަމަށާއި އެހެން އުޅެން ޖެހުމާއެކު މަރުކަޒުން އޭނާއަށް ލުއިދީފައިވާކަން ޒާހިރު ފާހަގަކުރިއެވެ.

"އޮފީހުގެ މަސައްކަތްތަކާއި ދަރީގެ މަސައްކަތްތައްވެސް ރާވާލައިގެން ކުރީމަ އުނދަގުލެއް ނޫން."
ޒާހިރު

ޒާހިރުމެންގެ ދޮށީ ދަރި އޯ ލެވެލް ނިންމުމަށްފަހު މާލެ ބަދަލުވީ ނާސިން ކޯސް ހެދުމަށްޓަކައެވެ. ދޮށީ ދަރިފުޅު ނެތުމާއެކު އެ ކުދިން ގޭގައި އެކަނި ބޭތިއްބުމުގެ ބަދަލުގައި ޒާހިރުގެ މަންމަމެންގެއަށް ނޫނީ ރައްޓެއްސެއްގެ ގެއަށް ގެންދެއެވެ. ޒާހިރު ބުނީ އެ ކުދިން އެކަނި އެއްވެސް ތަނަކަށް ނުފޮނުވާ ކަމަށާއި އެ ކުދިން އެކަނި ތަނަކަށް ދާންވެސް ބޭނުމެއް ނުވާ ކަމަށެވެ.

ސީމާއާއި ދޮށީ ދަރިފުޅު

އެކަނި އެހެން އުޅެން ޖެހުމާއެކު މަރުކަޒުގެ ފަރާތުން ރަށުން ބޭރުގައި ބާއްވާ ޓްރޭނިން ސެޝަން ތަކާއި ވޯކްޝޮޕްތަކަށް ނުދެވުމަކީ ޒާހިރުއަށް ދިމާވި ގޮންޖެހުމަކަށްވާއިރު ކޮންމެ ވަގުތެއްގައި ބަލި މީހަކު ބޭއްވި ނަމަވެސް މަރުކަޒަށް ގޮސް އިތުރު ފަރުވާއަށް ފޮނުވާލަން ޖެހޭނަމަ އާސަންދައާއި އެހެނިހެން ކަންކަން ހަމަޖެހެންދެންވެސް ޒާހިރު މަރުކަޒުގައި އުޅެން ޖެހެއެވެ. އެހެންނަމަވެސް ކުޑަދެކުދިން އެކަނި ގޭގައި ބައިތިއްބާފައި ރޭގަނޑުގެ ދަންވަރު އެހެން އުޅުމަކީ ޖެހުލުންވާ ކަމަކަށްވުމާއެކު ޒާހިރު ވަނީ އޭނާގެ އެ ވަޒީފާ ދޫކޮށްލާފައެވެ.

މިހާރު ޒާހިރު އަދާކުރަމުންދަނީ އެ ގޭ ކައިރީގައި އިންނަ މިސްކިތެއްގެ މަސައްކަތުގެ މީހެއްގެ ވަޒީފާއެވެ.

"ފުދޭވަރަށް ގިނަ ވަގުތު އޮފީހުގައި ހޭދަކުރަން ޖެހޭ. މިހާރު ވަޒީފާ އަދާކުރަނީ ގޭ ކައިރީގައި އިންނަ މިސްކިތަށް. ކުދިންނާ ގިނަ ވަގުތު އެއްކޮން އުޅެން ބޭނުންވާތީ ކުދިން އެކަނި ދޫކޮށްލާފައި ނުބައިތިއްބަންވެގެން. ކުރީގައި ބޮޑު ކުއްޖާ ހުރީމަ އެހާ ބޮޑަކަށް ގޭގައި އެކަނި ބަހައްޓާފައިދާން ކަންބޮޑުވާކަށް ނުޖެހޭ އެހެންވީމަ ބޮޑު މީހާ ސްކޫލް ނިމިގެން މާލެ ކިޔަވަން ދިޔައީމަ ވާގޮތަކީ އެކަނި ކުޑަ ދެކުދިން ބައިތިއްބާފައިދާން ޖެހިލުންވޭ. ގެއަކީ ވަރަށް މީހުން އުޅޭ ހިސާބާ ދުރުގަ ހުންނަ ގެއެއް."
ޒާހިރު

މިސްކިތުގެ ވަޒީފާއަށް ޒާހިރު ބަދަލުވި ފަހުން 2 މަސް ވެފައިވާއިރު ޒާހިރު ބުނީ 11:45 ގައި ސްކޫލުގެ ކިޔެވުނިން ނިމޭ ދުވަސް ދުވަހު 11:20 ހާއިރު މިސްކިތަށް ގޮސް ސާފުކޮށް ހެދުމަށްފަހު ސްކޫލުން ކުދިން ގޮވައިގެން ގެއަށްދިއުމަށްފަހު ފިރިހެން ދަރިފުޅު ގޮވައިގެން މިސްކިތަށްދާ ކަމަށެވެ. އަދި އަންހެން ދަރިފުޅުގޭގައި އެ ވަގުތު ހުންނައިރު މީހެއްގެ އުނދަގުލެއް ވެދާނެ ކަމަށްޓަކައި ޒާހިރު ދަނީ ގޭގެ ދޮރު ތަޅުލާފައެވެ.

ސީމާއާއި ޒާހިރުގެ 3 ދަރިން

12:20 ގައި ސްކޫލުގެ ކިޔެވުން ނިމޭ ދުވަސް ދުވަހު މެންދުރު ނަމާދު ބަންގި ގޮވުމުގެ ކުރިން ސްކޫލު ކައިރިއަށް ގޮސް ގާތް މީހެއް ކައިރީގައި އެ ކުދިން ގެނެސްދެން އެދުމުން ގެނެސްދޭ ކަމަށް ޒާހިރު ބުނެއެވެ.

މީގެ އިތުރުން، އިތުރު ހަރަކާތްތަކަށްދާން ޖެހޭ ދުވަސް ދުވަހު ނަމާދު ވަގުތަކާ ދިމާވެއްޖެނަމަ އޭގެ 10 ވަރަކަށް މިނެޓު ކުރިއަށް ދަރިން ގޮވައިގެން ގޮސް ސްކޫލުގެ ޓީޗަރަކު ނޫނީ ބެލެނިވެރިޔަކާ ހަވާލުކުރަނީ ކަމަށާއި ގުރުއާން ކްލާސްތަކަށްދާ ވަގުތުތަކާއި ނަމާދު ވަގުތާ ދިމާވާނަމަވެސް ކަންކުރަނީ އެހެން ކަމަށް ޒާހިރު ބުނެއެވެ.

ޒާހިރު ހަމައެކަނި ވަޒީފާ އަދާކުރަމުން ދަރިންގެ ޒިންމާ ކުރަނީއެއް ނޫނެވެ. އެއްޗެހި ދޮވެ އިސްތިރި ކުރުމާއި ކެއްކުމުގެ ކަންކަންވެސް ކުރަނީ ހަމަ ޒާހިރެވެ.

ޒާހިރު ބުނީ އަންހެނުން ނިޔާވި ފަހުން ހުރިހާ ކަމެއްވެސް ކުރަނީ އޭނާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ގޭގައި ކައްކާއިގެން ނުކެއި ނަމަވެސް އާންމު ގޮތެއްގައި ކައްކަނީވެސް އޭނާއެވެ. އެތާ ކައިރީގައި ދިރިއުޅޭ ޒާހިރުގެ ގާތް ރައްޓެއްސެއްގެ ގެއަށް މެންދުރާއި ރޭގަނޑު ބައެއް ފަހަރު ކާންދާ ކަމަށާއި ހެނދުނުގެ ބައެއް ފަހަރު ހޮޓަލުން ގެނެސް ކާ ކަމަށް ޒާހިރު ބުންޏެވެ. އަދި ކުދިންގެ ސްކޫލު އިންޓޯލު ގަޑީގައި ކާން ދަނީ ޒާހިރުގެ މަންމަމެންގެ ގެއަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"މަންމައެއްގެ ދައުރު މިއަދާކުރެވެނީ، ދަރިފުޅުމެންނަކަށް މަންމަ ނެތް ކަމުގެ އިހުސާސްއެއް ނުކުރެވޭނެ ހުރިހާ ކަމެއްވެސް ބަރާބަރަށް އެ ކުދިންނަށް ކޮށްދެން"
ޒާހިރު

މިދިޔަ 2021 ވަނަ އަހަރުގެ ނިޔަލަށް އެންސްޕާގައި 3067 އެކަނިވެރި މައިންބަފައިން ރަޖިސްޓްރީވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 3010 މަންމައަކާއި 57 ބައްޕައެކެވެ. ރާއްޖޭގައި ޒާހިރު ނޫނަސް އެކަނި ދަރިން ބަލަމުން އަންނަ ގިނަ ބައްޕައިތަކެއް އުޅެއެވެ. ގޭގެ ހަރަދުތަކާއި ރަށުގައި ކުދިންގެ ހަރަދުތަކުގެ އިތުރުން މާލޭގައި ހުރި ދަރިފުޅުގެ ހަރަދުވެސް ބަލަހައްޓަމުން އަންނަނީ ޒާހިރުއެވެ. ޒާހިރު ބުނީ އެންސްޕާގައި މިހާތަނަށް އޭނާ ރަޖިސްޓްރީވެފައި ނުވާނެ ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސީމާ ނިޔާވި ދުވަހު ހޮސްޕިޓަލުގައި

ޒާހިރުގެ އެއްބަނޑުގައި އޭނާއާއެކު 7 ކުދިން ތިބިއިރު ސީމާ ނިޔާވިތާ 6 ވަރަކަށް މަސްފަހުން ޒާހިރުގެ ދައްތަ ނިޔާވުން ވެގެން ދިޔައީ އޭނާއަށާއި ކުދިންނަށް ލިބުނު އިތުރު ނިކަމެތި ކަމަކަށެވެ. ޒާހިރު ބުނީ އެ ދައްތައަކީ އެކި ގޮތްގޮތުން ވަރަށް އެހީތެރިވެދިން ދައްތައެއް ކަމަށާއި ދައްތަ ނިޔާވީ އުމްރާއަށް ގޮސްފަ މާލެ އައިސް ފްލައިޓުން ފޭބިތާ މާ ގިނައިރުތަކެއް ނުވެ ކަމަށެވެ.

ޒާހިރު ބުނީ ދެން ތިބި އެންމެންގެ ފަރާތުންވެސް އެހީތެރިކަން ލިބޭ ކަމަށާއި އަންހެނުންނަކީ ދަރަނބޫދޫ މީހެއްކަމުން އަންހެނުންގެ އާއިލާ އުޅެމުން ދަނީ އެ ރަށުގައި ކަމަށެވެ. އެހެންނަމަވެސް އަންހެނުންގެ އާއިލާއިންވެސް ވެވުނު ވަރަކުން އެހީވާކަން ޒާހިރު ފާހަގަކުރިއެވެ.

ޒާހިރު ބުނީ އޭނާގެ ދަރިން ރަނގަޅަށް ބެލޭ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ދޮށީ ދަރިފުޅު 10 ނިންމީ ސްކޫލް ކެޕްޓަންގެ މަގާމު އަދާކުރުމަށްފަހު ކަމަށެވެ. އަދި އެންމެ ނަތީޖާ ރަނގަޅު ދަރިވަރުންގެ ތެރޭގައި އޭނާގެ ދަރިފުޅު ހިމެނުމަކީ ދަރިން ބެލުނު ގޮތާ ދޭތެރޭގައި ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ޒާހިރު ވަނީ ބުނެފައެވެ.

އެކަނިވެރި ބައްޕައެއްގެ ހައިސިއްޔަތުން ޒާހިރުދޭން ބޭނުންވާ މެސެޖެއް އޮވެއެވެ. އެއްވެސް މީހަކު އެ މީހެއްގެ ދަރިން އެކަނިވިޔަ ނުދީ ދަރިންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފިނަމަ މުސްތަގުބަލުގައި މުޖުތަމައު ގަބޫލުކުރާ ހަރުދަނާ ރަނގަޅު ދަރިންނަށް ވެގެންދާނެކަމެވެ. އަދި މަންމަ ނެތި ދަރިން ބަލަން ޖެހުނު ނަމަވެސް މާޔޫސްނުވެ، އެ ކުދިނަކީ އެ މީހެއްގެ ބޮލުގައި އެޅިގައިވާ ޒިންމާއެއްކަން ހަނދާކޮށްގެން އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ދަރިން ތަރުބިއްޔަތުކޮށް ބޮޑުކޮށްފިނަމަ މާދަމާގެ އެކަމުން ފައިދާ ފެންނާނެ ކަމެވެ.