ކޮންމެ އަހަރެއްގެ ވެސް ކުޑަކުދިންގެ ދުވަހަކީ ކޮންމެ ސްކޫލެއްގައި ވެސް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. އެ ގޮތުން މިއަހަރު ވެސް ސްކޫލްތަކުން ވަނީ ތަފާތު ތީމްތަކަށް ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފައެވެ. ބައެއް ސްކޫލްތަކުގައި އިއްޔެ ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފައިވާ އިރު، އަނެއް ބައި ސްކޫލްތަކުގައި މި ދުވަސް ފާހަގަ ކުރަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަ ދުވަހެވެ. އަދި ބައެއް ސްކޫލްތަކުގައި މި ދުވަސް ފާހަގަ ކުރުމަށް "ޗިލްޑްރަންސް ފެއާ" ވެސް ބާއްވަން ވަނީ ހަމަޖައްސާފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރާ އިރު، ކާޓޫން ކެރެކްޓާސްގެ ކޮސްޓިއުމް ލާ ގޮތަށް ހަމަޖައްސާފައި ވުމުން ގިނަ ބަޔަކު އަންނަނީ މި މައުޟޫއަށް ބަހުސް ކުރަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އަހަރަކު އެއްފަހަރު އަންނަ އެފަދަ ދުވަހަކަށް ތައްޔާރު ވެގެން ތިބެން ބެލެނިވެރިންނަށް އެނގެން ޖެހޭނެ ކަމަށާއި އެއް ދުވަހު ދަރިފުޅު "ތިއްތި" ކޮށްލައި "ނަލަ" ކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެފަދަ ކަންކަމަކީ ކުދިންނަށް ލިބޭ އުފަލެއް ކަމަށާއި އެ އުފާވެރިކަން ކުދިންނަށް ގެނެސް ދިނުމަށް ގުރުބާން ވާން ބެލެނިވެރިން ތިބެން ޖެހޭނީ ތައްޔާރަށް ކަމަށެވެ.
ނަމަވެސް ހަރަދު ބޮޑުކޮށް ސްކޫލްތަކުގައި ކަންކަން ރާވައި އިންތިޒާމް ކުރާ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އެގޮތުން 3 ނުވަތަ 4 ދަރިން ތިބޭ މީހުންނަށް މިފަދަ ދުވަހެއްގައި ކޮންމެ ކުއްޖަކަށް ކޮސްޓިއުމެއް ހޯދުމަކީ ހަރަދު ބޮޑު އަދި ތަކުލީފެއްގެ ގޮތުގައި ސިފަކުރެއެވެ. އާންމުކޮށް ސްކޫލްތަކުން ހޮވާ ތީމްއަކާ ގުޅޭ ހެދުމެއް ހޯދާ ނަމަ ކާޓުން ކެރެކްޓާސް ހެދުމެއް ގަންނަން ލިބޭނީ 500 ރުފިޔާ އާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކަކަށެވެ. އަދި ތަފާތު ރީތި ގޮތްގޮތަށް ހެދުމެއް ފަަހައި ދެނީ ވެސް އަގު ބޮޑުކޮށެވެ. މިފަދަ ކަންކަން ހަރަދު ކުޑަ ވަނީ ފަހާ މީހެއް އެ އާއިލާގައި އުޅޭ ނަމައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ، އޭނާގެ 3 ދަރިން ތިބޭ އިރު، ކޮންމެ ކުއްޖަކަށް ވެސް ސްކޫލަށް ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ. ސްކޫލްގައި ފާހަގަ ކުރާ މިފަދަ ދުވަސްތައް ނުލައި ވެސް، ސްކޫލަށް ދާ ކޮންމެ ހަފްތާއަކަށް ވެސް، އެއްޗެއް ގަނެގެން ގެންދަން ނުޖެހޭ ހަފްތާއެއް މަދުވާނެ ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު ތަފާތު ދުވަސްތައް ފާހަގަކުރާ އިރު ބެލެނިވެރިން ގާތުގައި ކުރިއާލައި ނުބުނާ ކަމަށާއި އެ ވާހަކަ ހިއްސާ ކުރާނީ ހަފްތާއެއް ހާ މުއްދަތު އޮއްވާ ކަމަށް އޭނާ ބުނެއެވެ.
އެހެންކަމުން އަބަދު މިފަދަ ހަރަދުތައް ކުރަން ޖެހޭތީ އާއި، ތަކެތީގެ އަގު ވެސް އުފެލިގެން ދާއިރު، ފައިސާ ރައްކާ ނުކުރޭވޭތީ މިފަދަ ދުވަހެއް އަންނަ އިރު ކުދިންނަށް އާ ހެދުމެއް ހޯދުން ވަނީ ދަތި ކަމަކަށް ވެފައި ކަމަށް އޭނާ ބުނެއެވެ. ކުރަން ޖެހޭ މިފަދަ ހަރަދުތައް އިތުރުވަމުން އަންނަ އިރު، ތަކެތީގެ އަގުވެސް މާ ބޮޑަށް އުފުލިގެން ދިޔަޔަސް ލިބޭ އާމްދަނީ އިތުރު ނުވާތީ އެވެސް ތަކުލީފެއް ކަމަށް އޭނާ ބުނެއެވެ.
ކުޑަކުދިންގެ ދުވަހު އޭނާގެ ދަރިން ނަލަކޮށްގެން ސްކޫލަށް ގެންދަން ބޭނުންވި ކަމަށާއި ނަމަވެސް ކާޓޫން ކެރެކްޓާސް ހެދުން ހޯދައިފި ނަމަ މި މަހުގެ ބާކީ އޮތް ތަނުގައި ނުކައި ތިބެން ޖެހޭ ފަދަ ހާލަތަަކަށް ގޮސްދާނެ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން އަތުގައި އޮތް އެންމެ އާ އަދި ރީތި ހެދުމެއް ލައްވާފައި އެ ކުދިން ސްކޫލަށް ފޮނުވި ކަމަށާއި ނަމަވެސް ސްކޫލް ނިންމާފައި ގެއަށް އައި އިރު އެ ކުދިން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ބުނެއެވެ.
އެހެން ކުދިންނެކޭ އެއްގޮތަށް "ޑިޒްނީ ކެރެކްޓާސް" ހެދުން ނުލެވުނީމައި އެކުދިން ހިތުގައި ޖެހުނީއެވެ. މިފަދަ ކަން ކަން މަޔަކަށް ފެނުނީމައި ދެރަ ވާނެ ކަމަށާއި ނަމަވެސް ހަމްދު ކޮށްގެން ހުރުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުނެއެވެ. ސްކޫލަށް ކޮންމެ ހަފްތާއަކު އާ އެއްޗެއް ގެންދަން ޖެހޭ ފަދަ ކަންކަމަށް ބަދަލެއް ނާންނާނެ ކަމަށާއި މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށް އޭނާ ބުނެއެވެ.
މި މައްސަލައިގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ޝުއޫރު ފާޅުކުރަމުން ދާއިރު، ސްކޫލްތަކުން މިކަން ކުރާ ގޮތާ މެދު ބައެއް ކަންކަން އޮޅުން ފިލުވާލީމެވެ. މާލޭގައި ހިންގާ ސަރުކާރު ސްކޫލެއްގައި އުޅޭ ބެލެނިވެރިއަކު ބުނީ، އެ ސްކޫލުން ތީމެއް ދީފައި އެތީމާ ގުޅޭ ކުލައަކުން ހެދުން ލައްވާފައި ފޮނުވުމަށް އެންގި ކަމަށެވެ. އަދި އެ ކުލައިގެ ހެދުމެއް ނެތިއްޔާ ކުއްޖާ އަތުގައި އޮތް ކޮންމެ ކުލައެއްގެ ހެދުމެއް ލެއްވިޔަސް ވަރިހަމަ ކަމަށް ކްލާސް ޓީޗަރު ބެލެނިވެރިންނާ ބައްދަލުކޮށްފައި ބުނެފައިވާ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން ކޮންމެހެން ތީމާ ގުޅޭ ގޮތަށް ހެދުން އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި ތީމާ ނުގުޅޭ ހެދުމެއްގައި ކުދިން ފޮނުވަން ޖެހޭ ނަމަ އެ ވާހަކަ ކުދިންނަށް ވިސްނައި ދިނުމަކީ ބެލެނިވެރިޔާގެ ޒިންމާއެއް ކަމަށް އޭނާ ބުނެއެވެ.
މީގެ އިތުރުން އިތުރު ބެލެނިވެރިއަކު ބުނީ، ސްކޫލްތަކުން މިފަދަ ދުވަސްތައް ފާހަގަ ކުރާ އިރު ކާޓޫން ކެރެކްޓާސް ހިމެނުމަކީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އޭނާގެ ދަރިންނަށް ކާޓޫން ނުދައްކާ ކަމަށާއި ހަމަ އެ ގޮތަށް ދަރިން ތަރުބިއްޔަތު ކުރާ އެތައް އާއިލާއެއް އުޅޭނެތީ، ކާޓޫން ކެރެކްޓާސް ނުހިމަނާ އެފަދަ ދުވަހެއް ފާހަގަ ކުރުން މާ ރަނގަޅު ވާނެ ކަމަށް ބުންޏެވެ.
ކޮންމެ އަކަސް އަހަރަކު އެއް ފަހަރު ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ އިރު، މިއީ ވިސްނާލަން ރަނގަޅު ކަމެކެވެ. ކޮންމެ ބެލެނިވެރިއަކީ އެހާ ފުދިގެން އުޅޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކު ދަރިން ތަފާތު ކުރާކަށް ވެސް ބޭނުމެއް ނުވާނެއެވެ. ތަފާތު މިޒާޖުގެ ތަފާތު މީހުން އުޅޭނެ ކަން ގަބޫލުކޮށް މި ފަދަ ހަރާކަތްތައް ހިންގާ އިރު، ބައެއް ބެލެނިވެރިންނަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ ސްކޫލްތަކުން ކުރެވޭނެ ކަންކަމެވެ.
އެގޮތުން ބައެއް ސްކޫލްތަކުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރި އިރު، އެ ނަމޫނާ ދައްކާފައި ވެއެވެ. ސްކޫލްގައި އެ ދުވަސް ފާހަގަ ކުރި އިރު، ވަކި ހާއްސަ ހެދުމެއް ލާން އެދިފައި ނުވެއެވެ. ނޫނީ އެ ދުވަސް ފާހަގަ ކުރީ ސްކޫލް އެކްޓިވިޓީ ޔުނީފޯމްގައި ކުދިން ސްކޫލަށް ގެންގޮސްގެންނެވެ.
އަދި ބައެއް ސްކޫލްތަކުން ވަނީ ހުރިހާ ކުދިންނަށް އެއް ކުލައެއްގެ ޓީޝާޓު ހޯދުމަށް ފަހު ކުއްޖާ އާއި ބެލެނިވެރިޔާ އަދި ޓީޗަރުންނާ އެކު އެ ޓީޝާޓުތަކުގައި "ހެޕީ ޗިލްޑްރަންސް ޑޭ" ތައްގަނޑު ޖަހާފައެވެ. ތަފާތު ކުރުމަކާ ނުލައި ހުރިހާ ކުދިންވެސް އެ ދުވަސް ފާހަގަކުރުމަށް ނަލަކޮށްލައިގެން ސްކޫލަށް ގެންގޮސް ހިންގި އެ ހަރަކާތްތަކަށް މީހުން ވަނީ ތައުރީފް ކޮށްފައެވެ.
ސްކޫލަކީ އެއް ކުލައަކާއި އެއް ޑިޒައިންކަށް ހެދުން އަޅައިގެން، ތަފާތު ކުރުން ކުޑަކޮށް ތައުލީމް އުނގެނެން ކުދިން ދާ ތަނެވެ. ކުދިންނަށް އުފާވެރިކަން ގެނެސްދޭ ދުވަހެއްގައި ތަފާތު ކުރުން ބޮޑުވެ، ބައެއް ކުދިން ހިތުގައި ޖެހޭ ގޮތަކަށް ކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރާ އިރު އެއީ އުފާވެރި ކުޑަކުދިންގެ ދުވަހެކޭ ބުނެވޭ ހެއްޔެވެ؟