މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރަމުން އައި ކ. ކުޑަގިރީގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
އެޗްޑީސީން ބުނީ، ރައީސް އަދި ނައިބު ރައީސް އިއްޔެ ކުޑަގިރި ޕިކްނިކް އައިލެންޑަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެޗްޑީސީގެ ސީއެފްއޯ އަހްމަދު ޝާމް އާއި ސީސީއޯ އަހުމަދު ނާފިޒުގެ އިތުރުން އެޗްޑީސީގެ ޑައިރެކްޓަރުން ވެސް ކުޑަގިިރިއަށް ވަޑައިގަތެވެ.
މިއީ މިހާރު އެ ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި އޮތް ވަރާއި މަސައްކަތްތައް ގޮސްފައިވާ ހިސާބު ބެއްލުވުމަށް ރައީސް އާއި ނައިބު ރައީސް ކުރެއްވި ދަތުރުފުޅެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މާލެއާ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ. ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ މިއަހަރުގެ ޖުލައި 26 އާ ދިމާކޮށް އެ ރަށް ރަސްމީކޮށް ހުޅުވުމަށެވެ. ނަމަވެސް މިދިޔަ އޮކްޓީބަރު މަހު ސަރުކާރުން ބުނެފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި އެ ރަށަށް އާންމުންނަށް ދެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު އެ ރަށުގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް ހުރެއެވެ. އަދި ރަށް ފެހި ކުރުމަށް އެ ރަށުގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް އޮންނަނީ މާލެއާ 10.5 ކިލޯމީޓަރު ދުރުމިނުގައެވެ.