ތުރުކީވިލާތުގައި އަމިއްލަ ގަބޫލު ކުރުންތަކެއްގެ މައްޗަށް ދިރިއުޅޭ ފާދިރީ އަކު 8،658 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
އަދުނާން އޮކްތާރް ނަމަކަށް ކިޔާ މި ފާދިރީ މަޝްހޫރުވެފައި އޮންނަނީ، އޭނާގެ ވަށައިގެން ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ގިނަ އަދަދެއްގެ އަންހެން ކުދިން ގެންގުޅޭ އަދި ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވެ އަސްކަރިއްޔާ އަށް ޖާސޫސް ކޮށްދިނުމުގެ މަސައްކަތުގައެވެ.
ތުރިކީގެ އިސްތަންބޫލުގެ ކޯޓަކުން އޭނާއަށް 8 ހާސް އަހަރުގެ ހުކުމެއް އައި އިރު، އޭނާ ވަށައިގެން ގެންގުޅޭ ކުދިންނަކީ "ކިޓްންސް" (އަންހެން ބުޅާ) ތަކެއް ކަމަށް އޭނާ ބުނެއެވެ. އެ ކުދިން ގެންގުޅެނީ އޭނާ ބުނާ ކަންކަމުގައި އޭނާގެ ހިދުމަތުގައެވެ.
މި އަދްނާން އޮކްތާރަކީ، ފޮތްވެސް ލިޔާ މީހެކެވެ. ހާރޫން ޔަހުޔާގެ ނަމުގައި އެތައް ބަހަކުން ފޮތް ލިޔެ ދުނިޔޭގެ އެތަން މިތަނަށް ފޮތް ވިއްކައެވެ. އުމުރުން މިހާރު 66 އަހަރު ވެފައިވާ މި އޮކްރާތަކީ އޭނާގެ ސަޕޯޓަރުން، އިސްލާމް ދީނުގެ ނިވާފަތްގަނޑުގައި ތިބެ ކަލްޓް ޖަމާއަތެއް ހިންގާތީ، 2018 ވަނަ އަހަރު ފުލުހުން ހައްޔަރުވެސް ކުރިއެވެ. އޭރުވެސް އޭނާ ފަތުވާ ދެމުން ދާ ކަމަށާއި އޭނާ ހިންގި އޮންލައިން ޗެނަލް އަކީ އޭ9 ޓީވީ އެވެ. އަދި 2021 ވަނަ އަހަރު އޮކްތާރަށް ވަނީ 10 ދައުވާ އެއް އުފުލާފައެވެ. އޭގެ ތެރޭގައި ކަލްޓް ޖަމާއަތެއް ހިންގުމާއި، ޖާސޫސް ކުރުމާއި، ސިާސީ ހަރަކާތްތަކުގައި އުޅުމާއި، އުމުރު ހަމަނުވާ އަންހެން ކުދިންނާ އެކު ހިންސީ ގުޅުން ހިންގުމާއި، ރޭޕް ކުރުމާއި ބެލެކްމެއިލް ކުރުމުގެ އިތުރުން ކުދި އަނިޔާދީގެން މީހުން މެރުން ހިމެނެއެވެ.
މީގެ އިތުރުން 2016 ވަނަ އަަހަރު ތުރުކީގެ ވެރިކަން ބަޣާވާތް ކުރަން އުޅުނު އެމެރިކާއަށް ނިސްބަތްވާ އިސްލާމީ ލީޑަރެއް ކަމަށް ވާ ފަތުހުއްލޯ ގްލެންއަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާވެސް އުފުލާފައި ވެއެވެ. އޭރު އޭނާ 1،075 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް އެގައުމުގެ ސްޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ. ނަމަވެސް އަލުން ހައިކޯޓަށް ވެއްދި މައްސަލައިގައި އިއްޔެ އެ ކޯޓުން ހުކުމް ކުރީ 8،658 އަހަރަށް ޖަލަށް ލާށެވެ.
މި އޮކްތާރާ އެކި އިތުރު 10 މީހަކު ވެސް އެ މުއްދަތަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމް ކުރިއެވެ.
ތުރުކީގައި މީގެ ކުރިން މިއަށްވުރެވެސް ދިގު ހުކުމެއް ކޮށްފައި ވެއެވެ. އެ ފަހަރު ހުކުމް ކުރީ، 9،803 އަހަރާ 6 މަހަށް މީހަކު ލަޖަށް ލުމަށެވެ. މިއީ މިބާވަތުގެ ހުކުމެއް ދުނިޔޭގެ ކޯޓެއްގައި ކޮށްފައި އޮތް އެންމެ ދިގު ހުކުމް ކަމަށް ވެއެވެ.