ގްރޭޑްތަކަށް ދަރިވަރުން ބަދަލުވުމާ ހަމައިން ކޮންމެ ގްރޭޑެއްގައި ވެސް ކިޔަވައި ދެމުންދާ މަންހަޖުގައި ހުންނަ ބައިތައް ކުއްޖާ ހާސިލް ކުރާ މިންވަރު ދެނެގަންނަ ބެލެނިވެރިން މަދެއް ނޫނެވެ. މިކަމަަކީ އެ ކުއްޖާ ހާސިލް ކުރާނެ އޯލެވަލްގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އުމުރުން 6 އަހަރުން ފެށިގެން ބެލެނިވެރިން ކުރާ ބުރަ މަސައްކަތެވެ. އެގޮތުން ސްކޫލުން ދޭ އިމްތިހާނު ކަރުދާސް ކުދިން ހަދަން ފަށާ ހިސާބަކީ ގްރޭޑް 10 ނިންމުމަށްފަހު ހަދަން ތައްޔާރުވާ އޯލެވަލް އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރުމަށް ފަރިތަ ކުރުމަށް ހަދާ ޓެސްޓުތަކެއް ކަމަށް ބަލައިގެން ބެލެނިވެރިން މަސައްކަތް ކުރާ ކަމަކީ މިއަދު މި މުޖުތަމައުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އޯލެވެލްގެ ނަތީޖާއިން މަތީ ފާސްތަކެއް ހޯދަމުންދާ ކަމުގެ ހެއްކެކެވެ.
ރާއްޖޭގެ ތައުލީމި ފެންވަރު ރަނގަޅު ކުރުމުގެ މަންހަޖަށް ބަދަލުތައް ގެނެސް 5 ކީ ސްޓޭޖަކަށް ބަހާލައިގެން މިހާރު ކިޔަވައިދެމުން އަންނަ އިރު އޯލެވަލަށް ތައްޔާރުވުމަށް ސްޓްރީމް އިހްތިޔާރު ކުރަނީ ކީ ސްޓޭޖް 4 ގެ ގްރޭޑް 9 އަކުން ފެށިގެންނެވެ. އެ ހިސާބުން ސްކޫލް އިމްތިހާނު ކަރުދާސް ހަދައިގެން ކުދިން ގެންނަ ނަތީޖާ އަކީ ކުދިން އޯލެވަލް އިމްތިހާނަށް ތައްޔާރު ކުރުމުގައި ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް އެހީވެދޭ ޓެސްޓުތަކެކެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ ޓާމް އިމްތިހާނު ހަދާ ދުވަސްވަރު ކުއްޖަކަށް ބަލިވެގެން އިމްތިހާނުގައި ބައިވެރިނުވެވިއްޖެ ނަމަ ޑޮކްޓަރެއްގެ ލިޔުން ނުވަތަ މެޑިކަލް ސެޓިފިކެޓް (އެމްސީ) ހުށަހަޅަން ޖެހެއެވެ. އަދި އެމްސީ ހުށަހެޅުމުން އެ ކުއްޖާ ބަލިން ރަނގަޅުވެ ސްކޫލަށް ނިކުތުމުން ގެއްލުނު ނުވަތަ ހާޒިރުނުވެވުނު އިމްތިހާނު ހެދުމުގެ ފުރުސަތު ލިބިގެން ދެއެވެ. ނަމަވެސް މިހާރު ބައެއް ސްކޫލްތަކުގައި އެގޮތަށް އިމްތިހާން ނުދެއެވެ. އަދި އިމްތިހާނު ނުހެދޭ އެފަދަ ކުއްޖެއްގެ ރިޕޯޓަށް މާކްސް ނުލިބޭ އިރު މާކްސް ޖަހައި ގޮޅީގައި އެމްސީ ޖަހައިދީ "ޒީރޯ" ނުލިޔެ ދިނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކިގެން އެގޮތަށް އަމަލު ކުރެއެވެ.
މާލޭގައި ހިންގާ ސަރުކާރު ސްކޫލެއްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރާ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ، އޭނާގެ ދަރިފުޅު ބަލިވެގެން އިމްތިހާނު އޮތް ދުވަސްވަރު ސްކޫލަށް ނުދެވުމުން އެމްސީ ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް އިމްތިހާނު ނުދިން ކަމަށާއި ތަކުރާރުކޮށް ސްކޫލްގައި އެދުމުން ވެސް ގަވާއިދުގައި އޮންނަ ގޮތުން ވެސް އެފަދައިން އިމްތިހާނު ފަހުން ދެވެން ނެތް ކަމަށް ބުނި ކަމަށް އެ ބެލެނިވެރިއާ ބުނެއެވެ.
މިހާރު ސްކޫލްތަކުގައި ކުރިއަށް ދާ އިމްތިހާނަކުން ވެސް އެފަދަ ކަމެއް ދިމާވި ބެލެނިވެރިއެއް ވަނީ އޭނާގެ ވާހަކަތައް ހިއްސާކޮށްފައެވެ. ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރާ ދަރިވަރެއްގެ މަންމަ މައުލޫމާތު ދެމުން ބުނީ، މިއީ އެކުއްޖާ ގްރޭޑް 10 ގެ އަހަރު ކަމަށާއި އޯލެވަލް އިމްތިހާނަށް ތައްޔާރުވުމަށް ގަދަ އަލާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިމްތިހާނު ފެށުނުތާ މާގިނިަ ދުވަހެއް ނުވަނީސް ކުއްޖާއަށް ފާނަބަސަންދު ޖެހިގެން ސްކޫލަށް އެމްސީ ހުށަހެޅި ކަމަށެވެ.
އެކުއްޖާއަށް އިމްތިހާނު ނުލިބޭނެ ކަމަށް ބުނުމުން ސްކޫލާ ވާހަކަ ދައްކައިގެން ކުއްޖާގެ ރިޕޯޓަށް މާކްސް ނޭރުވިޔަސް މި ޓާމްގައި ކުއްޖާއަށް ހާސިލްވީ މިންވަރު ދެނެގަތުމަށް އިމްތިހާނު ކަރުދާސް ހެދޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެ ބެލެނިވެރިޔާ ސްކޫލްގައި އެދިފައިވާ ކަމަށް ބުނެއެވެ. އަދި އެކަމާ ގުޅޭ ގޮތުން ސްކޫލުން އަދި ވަކި ޖަވާބެއް އަރުވާނެ ކަމަށް ވެސް ބުނެފައި ކަމަށް އެ ބެލެނިވެރިޔާ ބުނެއެވެ.
މީގެ އިތުރުން ވެސް ގްރޭޑް 9 ގެ ދަރިވަރަކަށް ބަލިވެގެން ސްކޫލް އިމްތިހާނު ދުވަސްވަރު ނުދެވި އެމްސީ ހުށަހަޅައިގެން ޓެސްޓު އަލުން ނުދެވޭނެ ކަމަށް ބުނެފައިވާ ކަމަށް ބެލެނިވެރިއަކު ބުނެއެވެ. އޭނާ ބުނީ، ގްރޭޑް 9 އަކުން ކުދިން މިހާރު ސްޓްރީމް ނަގާއިރު ފުރަތަމަ ޓާމުގެ އިމްތިހާނަކީ އޭނާގެ ދަރިފުޅަށް ވަރަށް މުހިއްމު އިމްތިހާނެއް ކަމަށެވެ. ނެގި ސްޓްރީމުން އޭނާއަށް ލިބޭ ނަތީޖާއަށް ބަލައިގެން ކިޔެވުން ބައްޓަން ކޮށް ޓިއުޝަން ނަގައިދޭން ޖެހޭ މާއްދާއަކީ ކޮން މާއްދާއެއްކަން ވެސް ދެނެގަނެވޭނީ އޭރުން ކަމަށެވެ. ހުރިހާ މާއްދާއަކުން ޓިއުޝަން ދިނުމަކީ ކޮންމެ ބެލެނިވެރިއަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި ކުއްޖާ ދަށް ވާ މާއްދާ ދެނެގަނެވެން އޮތީ އެ އިމްތިހާނު ހެދިގެން ކަމަށް ވެސް އެ ބެލެނިވެރިޔާ ބުނެއެވެ.
މި ހުރިހާ ބެލެނިވެރިންގެ ޝަކުވާ އަކީ އެމީހުންގެ ދަރިން އިމްތިހާނުގައި ބައިވެރި ނުވެވޭ ފަދަ ބައްޔެއް ތަހައްމަލު ކުރަން ޖެހުމުން އެމްސީ ހުށަހެޅުމުން ވެސް އިމްތިހާނު ފަހުން ނުދޭން ބުނުމުންނެވެ. އިމްތިހާނުގެ ނަތީޖާ އެ ބެލެނިވެރިންނަށް މުހިއްމު ވަނީ އޯލެވަލްއަށް ތައްޔާރުވުމަށް ގަދަ އަލާ މަސައްކަތް ކުރާ އިރު، އިތުރަށް ކުއްޖާއަށް އުންގެނުމުގައި އެހީ ބޭނުންވާ މާއްދާ ދެނެގަނެވޭނެ ގޮތަކީ އެ އިންތިހާނުގެ ނަތީޖާ ކަމަށް ވުނެއެވެ. ހަމައެއާއެކު އޯލެވަލްއަށް ތައްޔާރުވާ ކުއްޖަކަށް އިމްތިހާނަކީ މުހިއްމު އެއްޗެއް ކަމަށް އެ ބެލެނިވެރިން ބުނެއެވެ. އަދި މި ގޮތަށް ކުދިންނަށް އިމްތިހާނު ނުދީ ދޫކޮށްލުމަކީ ކުއްޖާއަށް ވެސް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އަދި 5 މަސް ދުވަހު ކުއްޖާ ކިޔަވަން ކުރި މަސައްކަތުގެ ބޭނުމެއް ނެތް ކަން ކުއްޖާއަށް އިހްސާސް ކޮށްދެވެނީ ކަމަށް ވެސް އެ ބެލެނިވެރިޔާ ބުނެއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ސްކޫލް އިމްތިހާނުތަކަކީ ސްކޫލްތަކުން ތައްޔާރު ކުރާ ކަރުދާހެއް ކަމަށާއި އެ އިމްތިހާނުތަކާ ގުޅޭ ގޮތުން އަމަލު ކުރާ އުސޫލުތަކަކީ އެ ސްކޫލަކުން ހަދާ އުސޫލުތައް ކަަމަށެވެ. މިއަދާ ހަމައަށް އައި އިރުވެސް އެމްސީ ހުށަހަޅައިގެން ސްކޫލް އިމްތިހާނު ނުލިބިގެން އެއްވެސް ޝަކުވާއެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި އެފަދަ ކަންބޮޑުވުމަކާ ގުޅުން ހުރި މައްސަލައެއް ވެސް ލިބިފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
2019 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ އެޑިއުކޭޝަން މިނިސްޓްރީގެ "ދަރިވަރުންގެ ފެންވަރު ބަލައި، ވަޒަންކުރުމުގެ އުސޫލުގައި" ވާ ގޮތުގައި، ކީ ސްޓޭޖް 4 ގައި ހިމެނޭ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ރިޕޯޓް ފޮތުގައި ހިމަނާނީ ކޮންޓިނުއަސް އެސެސްމަންޓްގެ އައުޓްކަމްސް / އޮބްޖެކްޓިވްސް ހާސިލްވި މިންވަރާއި، ޓާމް އިމްތިހާނު ޕޭޕަރުން ދަރިވަރު ހޯދި މާކްސްއެވެ. ހަމައެއާއެކު ކުލާސް އެސެސްމަންޓަކަށް، ނުވަތަ ޓާމް ޓެސްޓަށް ދަރިވަރަކަށް ހާޒިރު ނުވެ ވިއްޖެ ނަމަ، ޓެސްޓް ހަފްތާ ނިމުމުގެ ކުރިން މެޑިކަލް ސެޓްފިކެޓް ސްކޫލް އިދާރާއަށް ހުށަހަޅަން ވާނެ ކަަމަށް އެ އުސޫލުގައި ބުނެފައެވެ.
އެމްސީ ހުށަހަޅާ ދަރިވަރުންނަށް ކުލާސް އެސެސްމަންޓް ދޭން ވާނެ ަކަމށް އެ އުސޫލުގައި ބުނާ އިރު، ޓާމް އިމްތިހާނަށް ހާޒިރުނުވެވޭ ދަރިވަރުން އަލުން އިމްތިހާނު ދިނުމުގެ ބަދަލުގައި އެފަދަ ކުދިންގެ ރިޕޯޓް ފޮތުގައި ލިޔާނީ އެ ކުދިން ކުލާސް އެސެސްމަންޓްގައި ހޯދި އައުޓްކަމްސް، ނުވަތަ މާއްދާއިން ހާސިލް ކުރަންޖެހޭ މިންވަރުތައް ކަމަށް އެ އުސޫލުގައި ބުނެއެވެ. ހަމައެއާއެކު ފުރަތަމަ ޓާމް އިމްތިހާނުގައި ބައިވެރި ނުވެވޭ ދަރިވަރުން މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށްފަހު، 2 ވަނަ ޓާމް އިމްތިހާނުގައި ބައިވެރިވެއްޖެ ނަމަ، އެފަދަ ކުދިންގެ ދެވަނަ ޓާމް އިމްތިހާނުގެ ނަތީޖާއަށް ބަލައި، އޮނާ ލިސްޓަޑް ޕްރައިޒް އާއި ޕްރޮފިޝެންސީ ޕްރައިޒް ދެވިދާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. ނަމަވެސް ކުލާސް ޕްރައިޒް، ސަބްޖެކްޓް ޕްރައިޒް، ނުވަތަ ޕްރޮގްރެސް ޕްރައިޒް ނުދެވޭނެ ކަމަށް ބުނެއެވެ.
2019 ގައި ހަދާފައިވާ މި އުސޫލަށް އަދި ވެސް އަމަލު ކުރަމުން އަންނަ އިރު، އޯލެވަލް އަށް ތައްޔާރުވަމުންދާ ގްރޭޑް 9 އަދި 10 ގެ ދަރިވަރަކަށް ސްކޫލް އިމްތިހާނެއް ނުހެދި ދިއުމަކީ ކިހާ ބޮޑު އަސަރެއް އެ އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންނަށް ކުރާނެ ކަމެއް ހެއްޔެވެ. ރިޕޯޓް ފޯމަށް މާކްސް ނޭރުވި ނަމަވެސް 5 މަސްހާ ދުވަހުގެ ޓާމެއް ނިންމާލާ އިރު، އެ މުއްދަތުގައި ކުއްޖަކު ކިޔެވި މާއްދާތަކުން ހާސިލްވި މިންވަރު އެނގުމަކީ ކުއްޖެއްގެ މުސްތަގްބަލު ބިނާވާ "ބޮޑު އިމްތިހާނާ" ކުރިމަތިލާ ކުދިންނަށް ކިހާ ބޮޑު އަދި މުހިއްމު ކަމެއް ހެއްޔެވެ.
ބައެއް ބެލެނިވެރިން މިފަދަ ކަންބޮޑުވުންތައް ހިއްސާ ކުރާ އިރު، މިއީ ކުއްޖެއްގެ ތައުލީމީ ހަޔާތަށް އެޅޭ އަނދިރި ހިޔަންޏެކެވެ. ކަމާ ގުޅުން ހުރި އިދާރާތަކުން މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. އަދި އެފަދަ ކުދިންނަށް އިމްތިހާނު ޕޭޕަރު ހަދައިގެން ރިޕޯޓަށް މާކްސް ނުދިނަސް އެ ކުއްޖާއަށް ހާސިލްވީ މިންވަރު ބަލާލަން ފުރުސަތު ދިނުމަކީ ކުރެވިދާނެ ކަމެކެވެ.
މި ގަވައިދު ބަދަލު ކުރަން ޖެހޭ.