އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އާ އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

އިންޑޮނީޝިއާގެ ބާލީގައި ނިމުނު ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ހަވާސާފައި ދެގައުމުގެ ވެރިން މަޝްވަރާ ކުރެއްވީ، މިނިވަން ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށެވެ.

ސުނާކް ވެރިކަމަށް ވަޑައިގެން މިހާރުވެސް ވަނީ އިނގިރޭސިވިލާތުގައި މަސައްކަތް ކުރަން އިންޑިއާގެ 3000 ޒުވާނަކަށް ވިސާ ދެއްވާނެކަން އިއުލާން ކުރައްވާފައެވެ. އޭގެ އިތުރުން މިނިވަން ވިޔަފާރީގެ އާ މަޝްވަރާތައް ކޮޅެއްގައި ޖައްސާ 2023 ގެ ނިޔަލަށް ފައިނަލް ކުރެވޭނެ ކަމަށް ދެގައުމުން އުންމީދު ކުރެއެވެ.

ޖީ20 ސައިމިޓްގައި ސުނާކް ވަނީ އެކި ގައުމުތަގެ ވެރިންނާ ބައްދަލު ކުރައްވާފައެވެ. އެއާއެކު އިނގިރޭސި ޕާލިމަންޓުގައި އިދިކޮޅު މެންބަރުން ވަނީ ސުނާކާ ސުވާލުކޮށް، ގައުމުތަކާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްސީލު އައްސަވާފައެވެ.

ސުނާކް ވިދާޅުވީ، ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމު ކުރަން މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް އަވަސް އަރުވާލައިގެން އެއްވެސް ކަމެއްގައި ކޮލިޓީ ކޮމްޕްރޮމައިޒް ނުކުރައްވާނެ ކަމަށެވެ. އަދި ވިޔަފާރީގެ ކޮންމެ މުއާމަލާތަކީ، ރަނގަޅަށް ފަށައިގަނެވޭ މުއާމަލާތެއްކަން ޔަގީން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އާ އެކު ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ދެގައުމުން ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދާދި ފަހުން އިސްތިއުފާ ދެއްވި ބޮރިސް ޖޯންސަންގެ ވެރިކަމުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައި އޮތް ނަމަވެސް އޭނާ އިސްތިއުފާ ދެއްވި އިރު އެއްބަސްވުން އޮތީ ސޮއި ނުކުރެވިއެވެ.

މިހާރުވެސް އިންޑިއާ އާއި ޔޫކޭ އަކީ ވިޔަފާރި ކުރާ ދެގައުމުވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ ދެވަނަ ކްއާޓަރުގައި 30 ބިލިއަން ޑޮަލރުގެ ވިޔަފާރި ވަނީ ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ 4 ކްއާޓާގައި ކުރި ވިޔަފާރިއަށް ވުރެ 37 ޕަސެންޓް އިތުރު އަަދެކެވެ.