މާބަނޑުވީންސުރެ ބަނޑުގައިވާ ދަރިފުޅު ދުށުމަށް ކޮންމެ މަންމައަކާއި އަދި ބައްޕައަކުވެސް ދިގު އިންތިޒާރުތަކެއް ކުރެއެވެ. އެ ދަރިފުޅަކީ ސިއްހަތު ރަނގަޅު ދަރިއަކަށް ހެދުމަށްޓަކައި ގަވާއިދުން ބޭސް ކެއުމާއި ރަނގަޅު ކާނާ ބޭނުން ކުރެއެވެ. އެ ދަރިފުޅަކީ ދުޅަހެޔޮ ސިއްހަތެއް ހުރި ކުއްޖަކަށް ވުމަށް ދުއާކުރެއެވެ. އެހެންނަމަވެސް ބައެއް ފަހަރު ތަގުދީރު ބަދަލުކޮށްލަނީ ހީވެސް ނުކުރާފަދަ ގޮތްގޮތަށެވެ.

މުހައްމަދު މަމްދޫހުއާއި އާމިނަތު ޒީނާއަށް (އަސްލު ނަމެއް ނޫން) އަލަތު ދަރިފުޅު ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު ލިބިގެން ދިޔައީ ކޮވިޑްގެ އާލަމީ ވަބާ މުޅި ދުނިޔެއަށް އަދި ރާއްޖެއަށްވެސް ގަދަވަމުން އައި 2020 ވަނަ އަހަރުގެ ތެރޭގައެވެ. އުފަން ރަށުގައި ޒީނާ ދިރިއުޅެމުން އައިއިރު ބަނޑަށް 26 ހަފްތާއަށް ފަހު އޭނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެގޮތުން މަޑުމަޑުން މުޅި މީހާ ދުޅަވާން ފެށުމާއެކު އޭނާ ޑޮކްޓަރަށް ދެއްކި ނަމަވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުނެއެވެ.

ޒީނާ ބުނީ ކޮންމެ ދުވަހަކުވެސް ޑޮކްޓަރަށް ދައްކަން ދިއުމުން ލޭގެ ޕްރެޝަރު ބަލަނީ އޮޓޯއިން ބަލާ މެޝިނަކުން ކަމަށާއި އެހެންކަމުން މައްސަލައެއް ފާހަގަވެފައިނުވާ ކަމަށެވެ. ދުޅަވުން ކޮންޓްރޯލްނުވެ އޭނާގެ ނޭވާ ކުރުވާން ފެށުމާއެކު އިތުރަށް ޑޮކްޓަރަށް ދެއްކުމުން މެނުއަލް ލޭގެ ޕްރެޝަރު ބަލާ މެޝިނަކުން ބެލިއިރު ޕްރެޝަރު ހުރީ ހުންނަން ވާ ވަރަށްވުރެ މާ މަތީގައެވެ.

އެ ހިސާބުން އެއީ މާބަނޑުއިރު ޖެހޭ ބައްޔެއް ކަމަށްވާ ޕްރީކްލެމްޕްސިއާ ޖެހިފައިކަން އެނގުނު ކަމަށް ޒީނާ ވަނީ ބުނެފައެވެ. ޕްރީކްލެމްޕްސިއާ އަކީ ބަލިވެ އިނުމުގެ 20 ވަނަ ހަފްތާއަށް ފަހު ނުވަތަ ވިހެއުމަށް ފަހު ކުރިމަތިވެދާނެ ސީރިއަސް ލޭގެ ޕްރެޝަރު މައްސަލައަކަށް ވާއިރު އެ ފަދަ ހާލަތުގައި ކިޑްނީ އާއި ފުރަމޭ ފަދަ ބައެއް ގުނަވަންތައް އާންމު ގޮތެއްގައި މަސައްކަތް ކުރާހެން ނުކުރުމުން އެމަޖެންސީކޮށް ދަރިފުޅު ނަގަން ޖެހޭ ފަހަރު އާދެއެވެ. އެ ބަލީގެ ސަބަބުން ލޭމައްޗަށް ދިއުމާއި ދުޅަވުމާއި ބޮލުގައި ރިހުން އަދި ލޮލުގެ ފެނުން ފުސްވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

ޕްރީކްލެމްޕްސިއާ ޖެހި ސިޒޭރިއަން ހަދާ ނެގި ދަރިފުޅު

ޕްރީކްލެމްޕްސިއާގެ ސީރިއަސް ވައްތަރެއް ޒީނާއަށް ޖެހުނުއިރު ރަށު ހޮސްޕިޓަލުން އެޑްމިޓްކޮށް، ބޭސްދީގެން ލޭގެ ޕްރެޝަރު ދައްކުރަން މަސައްކަތް ކުރުމަށް ފަހު ދަށް ނުވުމުން އިތުރު ފަރުވާއަށް މާލެ ފޮނުވާލިއެވެ. އަދި މާލެ އައިސް އެޑްމިޓް ކުރިއިރު ބަނޑަށް 29 ހަފްތާ ކަމަށާއި އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުންވެސް ފުރަތަމަ މަސައްކަތް ކުރީ ލޭގެ ޕްރެޝަރު ދަށް ކުރެވޭތޯ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއް ގޮތަކަށް ވެސް ރަނގަޅެއް ނުވެ ނޭވާއެއް ރަނގަޅަށް ނުލެވެ، ގުޑައެއް ނުލެވެ، ނުއެއް ހިނގޭ. ދުވަހެއް ދުވަހަކަށް ހަދާ ޓެސްޓުތައްވެސް ދަނީ ސަކަރާތްވަމުން"
ޒީނާ

ޒީނާ ބުނީ އެ އުމުރުގައި ދަރިފުޅު ސަލާމަތް ކުރެވޭނެ ނަމަ ނަގައިދިނުމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް އެ އުމުރުގައި ދަރިފުޅު ނަގައިގެން ސަލާމަތް ނުވުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ބުނި ކަމަށާއި އެއަށް ފަހު ދެން ވެސް ޕްރެޝަރު ދަށްވޭތޯ މަސައްކަތް ކުރި ކަމަށެވެ.

އެއް ރެއަކު ކުއްލިއަކަށް ނޭވާ ނުލެވިގެން އޮކްސިޖަން ދޭން ޖެހުނު ހިސާބުން އަނެއް ދުވަހު ޑޮކްޓަރު އައިސް އެމަޖެންސީކޮށް ސިޒޭރިއަން ހަދަން ބުނެ ސިޒޭރިއަން ހަދާ ދަރިފުޅު ނެގީ ކަމަށް ޒީނާ ބުންޏެވެ. ދަރިފުޅު ނެގިއިރު ބަރުދަނަކީ 1.3 ކިލޯ ގްރާމް ކަމަށާއި އަދި އެ ދުވަހަކީ ބަންޑަށް 31 ހަފްތާ ފުރުނު ދުވަސް ކަމަށް ޒީނާ ފާހަ ގަކުރެއެވެެ.

ސިޒޭރިއަން ހަދާ ދަރިފުޅު ނެގިއިރުވެސް ޒީނާގެ ލޭގެ ފްރެޝަރު ދިޔައީ މަތިވަމުންނެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ދަރިފުޅު ފެނި ސްޓްރޯކެއް ޖެހިދާނެ ކަމަށްވާތީ އޭނާއަށް ދަރިފުޅުގެ ފޮޓޯ އެއްވެސް ދެއްކީ އެއްދުވަސް ފަހުންނެވެ. ޒީނާއަށް އޭނާގެ ދަރިފުޅު ކައިރިއަށް ދެވުނީ 4 ވަނަ ދުވަހު ކަމަށްވާއިރު ސިޒޭރިއަންއަށް ފަހު ދަރިފުޅު އޮތީ އެންއައިސީޔޫގައެވެ. އަދި ޒީނާ އޮތީ އެޗްޑީޔޫގައެވެ.

ޕްރީކްލެމްޕްސިއާ ޖެހި ސިޒޭރިއަން ހަދާ ނެގި ދަރިފުޅު

ޒީނާ ބުނީ އެ ބަލީގެ ސަބަބުން 40 ކިލޯ ބަރުވި ކަމަށާއި ސިޒޭރިއަނަށް ފަހު ހަފްތާއެއް ވީއިރު ކުރިން ހުރި ބަރުދަނަށް ބަދަލުވެފައިވާ ކަމަށެވެ.

ސިޒޭރިއަނަށް ފަހު 9 ދުވަސް ފަހުން ޒީނާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ރެންޑަމް ސާމްޕަލްއަކުން ހެދި ކޮވިޑް ޓެސްޓެއްގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވުން ވެގެން ދިޔައީ އޭނާގެ ސިޒޭރިއަންގެ ވޭނާ ދަރިފުޅު އުޅެމުން ދިޔަ ހާލާއެކު އެ ވޭންތަކަށް ދެ ގުނަ އިތުރުވެގެން ދިޔަ ފަދަ ކަމަކަށެވެ. އެ ދުވަހު ޒީނާ ޕްޒިޓިވްވިކަން އެނގުނީ އޭނާގެ ދަރިފުޅަށް ކެންގަރޫ މަދާ ކެއާ ދިނުމަށް ފަހުއެވެ.

ޒީނާ ޕޮޒިޓިވްވެ ފިރިމީހާއާ ޑައިރެކްޓް ކޮންޓެކްޓްވެ ދެ މީހުން ވަކިން އެކަހެރިކުރިއެވެ. ހަމައެހެންމެ ދަރިފުޅާ ޑައިރެކްޓް ކޮންޓެކްޓްވެ އެންއައިސީޔޫގައި ދަރިފުޅުވެސް އެކަހެރިކުރިއެވެ. ޕޮޒިޓިވްވެ އޭރު ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ސެންޓްރަލް ހޮޓެލްއަށް ޒީނާ ގެންދިޔަފަހުން އޭނާގެ ނޭވައަށް އުނދަގޫވާން ފެށުމާއެކު ބަދަލުކުރީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށެވެ. އަދި ކޮންމެ ދުވަހަކު 5 ވަރަކަށް ފަހު ދަރިފުޅަށް ދިނުމަށްޓަކައި ކިރު ނަގާ ފޮނުވަން ޖެހުމާއި ހުޅުމާލެ ފެސިލިޓީގައި ގިނަ އަދަދެއްގެ ބަޔަކު އުޅެމުން ދިއުމަކީ ޒީނާގެ އޭރުގެ ހާލަށްބަލާ އުނދަގޫވި ކަމަކަށެވެ.

މާބަނޑުއިރު ޒީނާ އެޑްމިޓް ކުރިއިރު ދިމާވި ޑޮކްޓަރަކު ފެސިލިޓީއިން ދިމާވެ ވާހަކަ ދެއްކުމުން ޓެސްޓުތައް ހަދާ ސީރިއަސް ނޫންނަމަ މާލެއަށް ބަދަލުކޮށްދޭނެ ކަމަށް ބުނެ ޓެސްޓުތަކަށްފަހު އަލުން ސެންޓްރަލް ހޮޓެލްއަށް ބަދަލުކުރިއެވެ. ކަރަންޓީނުގައި ޒީނާ ހޭދަކުރި 15 ދުވަސް އޭނާއަށް ކިޔައިދޭންވެސް ދަތިވިއެވެ. ލޯބިވާ ދަރިފުޅު ދެކިލަން ކުރި އިންތިޒާރަކީ ވެސް ޒީނާ އުފުލަން ޖެހުނު ހިތްދަތި ތަޖުރިބާއެކެވެ. ދަރިއަކު ލިބުމުން ނިދިގެއްލި، ނިދިހަމަ ނުވެގެން، ނުނިދިގެން އުޅޭ މައިން އުޅުނު ނަމަވެސް ޒީނާއަށް ރެއާއި ދުވާލުވީ ގިނައެެވެ. ލޮލުފިޔަ ނުޖަހާ ވިސްނެމުން ދިޔައީ ދަރިފުޅާ ދޭތެރޭގައެވެ.

"ސިޒޭރިއަން ހަދައިގެން ކަރަންޓީނުވެގެން ފީޑު ފޮނުވަމުން އުޅޭނެ ހާލު ވިސްނާލާ"
ޒީނާ

ޒީނާ ބުނީ ހަމައެކަނި ހިތްހަމަ ޖެހުމަކަށްވީ އެޗްޕީއޭގެ ވޮލެންޓިއަރުންނާއި އެންއައިސީޔޫގެ ނަރުހުންގެ ފަރާތުން ލިބުނު އޯގާތެރި ކަމަށާއި އަޅާލުން ކަމަށެވެ.

"ކޮވިޑްގެ ތެރޭގައި އެޗްޕީއޭގައި މަސައްކަތް ކުރި ވޮލެންޓިއަރުން ދަރިފުޅަށް ދޭން ފީޑްވެސް ބަލާ އަންނާނީ. ވަރަށް ރަނގަޅު އެ މީހުން އަސްލު. އެޗްޕީއޭއަށް ގުޅާލީމަ އެ މީހުންގެ ވެހިކަލްގައި އައިސް ގެންދާނީ ފީޑް ހަވާލުކުރީމަ. އަމިއްލައަށްވެސް ގުޅާފަ ބުނޭ ބޭބީ ޕީޑް ގެންދަން މި ގުޅާލީ ރެޑީ ހެއްޔޭ. އެ މީހުން އަސްލު ވަރަށް ރަނގަޅު ކޮންމެ ކަމެއްވެސް ކޮށްދިން. ނޭވައަށް އުނދަގޫވިޔަސް އާވިވެސް އަރުވަދޭ"
ޒީނާ

ޒީނާ ބުނީ ކަރަންޓީނު ނިންމާ 15 ދުވަސްފަހުން ދިޔައިރުވެސް ދަރިފުޅު އޮތީ އެކަހެރިކޮށްފައި ކަމަށެވެ.

ޕްރީކްލެމްޕްސިއާ ޖެހި ސިޒޭރިއަން ހަދާ ނެގި ދަރިފުޅު
" އެތަނުގައި އުޅޭ ނަރުހުން އަސްލު ވަރަށް ރަނގަޅު ވީޑިއޯއާ ފޮޓޯވެސް ފޮނުވަދޭ އެ މީހުން ހާލުވެސް ގުޅާވެސް ބަރާބަރަށް ކިޔައިދޭ. އެތަނުގައި ޑޮކްޓަރުންނާއި ނަރުހުންވެސް"
ޒީނާ

ކޮވިޑުން ރަނގަޅު ވުމަށްފަހު 4 ވަރަކަށް ދުވަސްފަހުން ދަރިފުޅު ވޯޑަށް ދޫކޮށްލިއެވެ. އަދި 1.8 ކިލޯ ހަމަވުމުން ގެއަށް ދޫކޮށްލިއިރު 48 ދުވަސް ވަނީވެފައެވެ. ދޫކޮށްލުމަށް ފަހު 3 ދުވަސްފަހުން ޑޮކްޓަރަށް ދައްކަން ދިއުމުން ކޮވިޑް ޓެސްޓުކޮށް ލޭ މަދުވުމުން އެޑްމިޓްކުރީ ލޭ އެޅުމަށެވެ. އެއީ އެ ތުއްތު ދަރިފުޅު ލޭ އެޅި ދެވަނަ ފަހަރެެވެ. އަދި ކޮވިޑް ޓެސްޓު ހެދި 3 ވަނަ ފަހަރުވެސްމެއެވެ.

ޖުމްލަ 50 ދުވަސް ޒީނާގެ ދަރިފުޅު ހޮސްޕިޓަލުގައި ހޭދަކުރިއިރު އޭނާ އިތުރަށް ބުނީ ހެދި ބޮޑުވުމުގައި އޭނާގެ ދަރިފުޅުގެ ލަސްތަކެއް ހުންނަ ކަމަށާއި އެނީމިއާއާއި ހަމުގެ މައްސަލަތައްވެސް ހުންނަ ކަމަށެވެ.

ކޮވިޑްގެ ތެރޭގައި ޒީނާ އުޅެން ޖެހުނު ހާލާއެކު އެޗްޕީއޭއިންނާއި އެންއައިސީޔޫގެ ނަރުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަމަކީ ދުވަހަކުވެސް އޭނާ ހިތުން ފިލާނެ ކަންކަމެއް ނޫނެވެ.