މާބަނޑުވުމަށްފަހު ވިހެއުމާ ހަމައަށް ބަނޑުގައިވާ ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ދެކުމަށް ކޮންމެ މަންމައަކާއި ބައްޕައަކުވެސް އިންތިޒާރުކުރެއެވެ. އެހެންނަމަވެސް ދިމާވާ މައްސަލައަކާ ގުޅިގެން ދުވަސް ފުރުމުގެ ކުރިން އެ ދަރިފުޅު ނަގާ ފަރުވާދޭން ޖެހެނީ މަދެއްކޮށެއް ނޫނެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ކޮންމެ އަހަރަކު 140 މިލިއަން ކުދިން އުފަންވާއިރު އޭގެ ތެރެއިން 15 މިލިއަން ކުދިން އުފަންވަނީ ދުވަސް ނުފުރައެވެ. އަދި ރާއްޖެއަށް ބަލާއިރު 6500 ކުދިން ޖުމްލަ ގޮތެއްގައި އަހަރަކު އުފަންވާއިރު އޭގެ ތެރެއިން 12 ޕަސެންޓް ކުދިންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނެވެ. އެހެންނަމަވެސް މިއީ މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު 4.5 ޕަސެންޓް އިތުރު އަދަދެކެވެ.
ކޮންމެ އަހަރެއްްގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަސް، ދުވަސް ނުފުރާ ވިހާ ކުދިންނަށް ހާއްސަކޮށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާއިރު މިއަހަރުގެ އެ ދުވަހުގެ ޝިއާރަކީ "މައިންބަފައިންގެ މުށުތެރޭގައިވުން: ފުރިހަމަ ފަރުވާ. އުފަންވާ ހިދުން ފެށިގެން ހަމާ ހަން ބީހުމުގެ ފުރުސަތު ފަހިކުރަމާ" އެވެ.
ބަނޑަށް 37 ހަފްތާ ނުވެ ވިހާ ކޮންމެ ކުއްޖަކީ ދުވަސް ނުފުރާ ވިހާ ކުއްޖެއްގެ ގޮތުގައިވެފައިވާއިރު 36 ހަފްތާ އާއި 6 ދުވަސް ފުރިފައި ވީ ނަމަވެސް ބަލަީ ދުވަސް ނުފުރާ ވިހޭ ކުއްޖެއްގެ ގޮތުގައެވެ.
- ބައިގެންދިއުން (22 ހަފްތާއަށް ވުރެ ކުޑަ)
- އެކްސްޓްރީމް ޕްރީޓާމް (28 ހަފްތާއަށް ވުރެ ކުޑަ)
- ވެރީ ޕްރީޓާމް (28 ހަފްތާއާއި 32 ހަފްތާއާއި ދެމެދު)
- މޮޑަރޭޓް ޓު ލޭޓް ޕްރީޓާމް (32 ހަފްތާއާއި 37 ހަފްތާއާއި ދެމެދު)
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ 22 ހަފްތާ ވުމާއެކު 500 ގްރާމް ހަމަވެފައިވެފައިވާ ކޮންމެ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރާ ކަމަށާއި އެއަށްވުރެ ކުޑަވެއްޖެނަމަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން 500 ގްރާމްއަކީ މެޝިންތަކުގައިވެސް ހިފަހައްޓާލެވޭ ވަރު ކަމަށާއި ޓިއުބުތަކާ އެހެނިހެން އެއްޗެހީގެ ސައިޒު ހުންނަ ގޮތުން އެއަށްވުރެ ކުޑަވެއްޖެނަމަ ވަރަށް އުނދަގޫ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ މިދިޔަ 2021 ވަނަ އަހަރު އައިޖީއެމްއެޗުން ގެއަށް ދޫކޮށްލި އެންމެ ކުޑަކުއްޖަކީ 24 ހަފްތާއިން ނަގައިގެން ފުރާނަ ސަލާމަތްކޮށްފައިވާ ކުއްޖެއް ކަމަށެވެ.
ދުވަސް ނުފުރާ ވިހަނީ ކީއްވެ؟
- މައިމީހާގެ ލޭ މައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުން.
- އެއްމާބަނޑު ދެ ނުވަތަ ތިން ކުދިން އޮތުން.
- ރަހިމުގެ ދޮރު ހުޅުވިފަ ހުރުން.
- އިންފެކްޝަނެއް ޖެހުން ( ޔޫރިން ނުވަތަ ކޮވިޑް، އިންފުލުއެންޒާ ކަހަލަ).
- މަންމަގެ ބައްޔެއް ހުރުން.
- އެކްލެމްޕްސިއާ (މި ހާލަތުގައި މަންމަގެ ފުރާނަ ސަލާމަތްކުރަން ދަރިފުޅު ނަގަން ޖެހޭ).
- މައިމީހާ މަސްތުވާތަކެއްޗާއި ސިނގިރޭޓު ބުއިން.
- ދަރިފުޅުގެ ހުންނަ އައިބެއްގެ ސަބަބުން (ސިކުނޑީގެ ކަށިގަނޑު ނެތުން، ގުނަވަންތައް މަދުވުން).
ދަރިފުޅު ބަނޑުގައި ގަރުބަ ގަތީންސުރެ ވިހެއުމާ ހަމައަށް ދަރިފުޅުގެ ހުރިހާ ކަމެއް ކޮއްދޭނެ މީހަކީ މައިމީހާ ކަމަށްވާއިރު ދުވަސް ފުރެމުން އަންނަ ވަރަކަށް ދަރިފުޅުގެ ގުނަވަންތައް ދާނީ ފުރިހަމަވަމުންނެވެ. އެހެންނަމަވެސް ދުވަސް ނުފުރާ، ގުނަވަންތައް ރަނގަޅަށް ނުއުފެދެނީސް ވިހެއުމުގެ ސަބަބުން އެ ދަރިފުޅު ވަރަށް ގިނަ ސިއްހީ މައްސަލަތަކަށް ހުށަހެޅިގެންދެއެވެ.
ޑރ. ފައިސަލް ވިދާޅުވީ ފުރަތަމަ ނޭވާލުމަށް އުނދަގޫވާ ކަމަށާއި އެހެންކަމުން އެބޫ ބޭގްއިން ނޭވާ ލައްވަން ޖެހޭ ކަމަށެވެ. އަދި މަސްތަކާއި ސަރުބީ ފަށަލަ ނެތި، ހަން ތުނިވުމުގެ ސަބަބުން ފިނި ހޫނުމިން ނުހިފެހެއްޓާ ކަމަށާއި ހަކުރު ދަށްވާ ކަމަށްވެސް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ. 30 ހަފްތާއިން ތުއްތު ކުދިންގެ އުފެދޭން ފުއްޕާ މޭ ހުޅުވިފަ ހުންނަ މާއްދާ، ސާފެކްޓެންޓް އެއަށްވުރެ ކުޑައިރު ވިހާކުދިންނަށް ވެންޓިލޭޓަރުގައި ބާއްވައިގެން ޓިއުބެއްލައްވައިގެން އެ މާއްދާ ދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ލޭގެ ޕްރެޝަރު ނުހިފެއްޓުމުގެ ސަބަބުން ގިނަ ބޭސްތަކެއް ދޭން ޖެހުމާއި ލޭ އުފައްދައިދިނުން ދަށްވުމާއެކު ދޭތެރެ ދޭތެރެއިން ލޭ އަޅަން ޖެހުމަކީ ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދިމާވާ މައްސަލައެކެވެ. މިއާއެކު ދިފާއީ ނިޒާމު ދަށްވުމާއި ސިކުނޑީގެ ފަށަލަތައް ތުނިވުމާއެކު ސިކުނޑިއަށް ލޭ އެޅުންވެސް އެކަށީގެންވެއެވެ. އަދި ލޮލުގެ ފަހަތުގަ ހުންނަ ރެޓިނާ ފަށަލައިގެ ހުންނަ ލޭ ނާރުތަކުގެ އައިބުތަކެއްގެ ސަބަބުން ލޮލުގެ ފެނުން ކުޑަވެ، ބައެއް ކުދިންގެ ލޮލުގެ ފެނުން ގެއްލޭއިރު ހެދިބޮޑުވުމަށް ލަސްތަކެއް އައުމާއެކު އޯޓިޒަމް ނުވަތް އޭޑީއެޗްޑީއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.
ދުވަސް ނުފުރާ ވިހާ ކުދިން ގިނަ ދުވަސްތަކެއްވަންދެން ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭއިރު ބައެއް ކުދިންނަކީ 3 މަހަށްވުރެ ގިނަ ދުވަސް ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭ ކުދިންނެވެ. މީގެ އިތުރުން ޅަފަތުގައި ރާއްޖެއިން ގިނަ އަދަދެއްގެ ކުދިން ނިޔާވެފައިވާއިރު ޑރ. ފައިސަލް ވިދާޅުވީ ޅަފަތުގައި މަރުވާ ކުދިންގެ އަދަދު މަދުވެފައިވާ ކަމަށާއި މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޅަފަތުގައި ނިޔާވަނީ އަހަރަކު 1000 ކުދިންގެ ތެރެއިން 5 ކުއްޖެއް ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މައިންގެ ސަބަބުން ދަރިން ވޭނުގައި!
މަސްތުވާތަކެތީގެ މައްސަލައަކީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ވަބާއަކަށްވާއިރު މިދިޔަ 2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާ ހިސާބަށް އަހަރުން އަހަރަށް މަސްތުވާތަކެތީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ އަންހެނުން މަސްތުވާތަކެތި ބޭނުންކުރާ ނިސްބަތްވެސް އިތުރުވެފައިވާއިރު ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި ބަނގުރަލުގެ މައްސަލަތަކުގައި 19 އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 18 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުން ކަމަށްވާއިރު އެ އުމުރު ފުރައިން 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ނާކޮޓިކް ޑުރަގުގެ މައްސަލަތަކުގައި 204 އަންހެނަކު ހައްޔަރުކޮށްފައިވާއިރު 77 އަންހެނަކީ ހަމަ އެ އުމުރުފުރައެވެ. އަދި 25 އަހަރާއި 31 އަހަރާ ދެމެދު އުމުރުފުރައިން 66 އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި ފާއިތުވި 4 އަހަރުގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެ މުއްދަތުގެ ތެރޭގައި 416 އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ދަރިން ހޯދަމުން އަންނަ އުމުރުފުރައިގައި ގިނަ އަންހެނުންތަކެއް މަސްތުވާތަކެތި ބޭނުންކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ ލިބޭ ދަރިފުޅަށް ތަހަންމަލުކުރަން ޖެހޭ ބޮޑު ވޭނެވެ. އެކަމުގެ ސަބަބުން ދުވަސް ނުފުރާ ދަރިފުޅު ވިހެއުމާއި އައިބުތަކެއް ހުރުމުގެ ފުރުސަތު އޮވެއެވެ.
މަސްތުވާތަކެތި ބޭނުން ކުރާ މީހުންވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މާބަނޑު މީހުންގެ ތެރޭގައިވެސް ނިސްބަތުން އެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އައިޖީއެމްއެޗުގައި މަހަކު އެއް ކުއްޖަކު ނުވަތަ ދެމަހުން އެއް ކުއްޖަކު، އެފަދަ މައެއްގެ ފުށުން އުފަންވީ ނަމަވެސް މިހާރު އެ އަދަދު އިތުރުވެ މަހަކު 3 ނުވަތަ 4 ކުދިން ވިހާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޑރ. ފައިސަލް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މައިން ގަވާއިދުން ޑޮކްޓަރަށް ނުދައްކާ ކަމަށާއި އެކަމަކީ ވަރަށް ދެރަކޮށް ދިމާވާ ކަމެއް ކަމަށެވެ.
ވިހެއުމަށްފަހު އެ ފަދަ މައިން ތިބޭނީ ދަރިން ބެލޭ ފަދަ ހާލަތެއްގައި ނޫންކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ އެހެންކަމުން ސަރުކާރުން އާއިލީ ގޮތުން ތިމާގެ މީހަކާ ދަރިފުޅު ހަވާލުކުރެވޭތޯ މަސައްކަތްތައް ކުރާ ކަމަށާއި އެގޮތަށް ވެސް މީހަކު ނެތްނަމަ ދައުލަތަށް ކުއްޖާ ނަގަނީ ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ބައެއް އެފަދަ މައިން މަސްތުވާތަކެތި ބޭނުންކޮށްގެން ވެސް ވިހަން އަންނަ ކަމަށާއި އޭގެ ސަބަބުން ދަރިފުޅުގެ ލޭގެ ތެރޭގައި އޭގެ އަސަރު ހުންނަ ކަމަށެވެ.
ވަރަށް ބާރަށް ރުއިމާއި ތުރުތުރު އަޅުމާއެކު ތޫލި އަޑު ލެވުމާއި މާ ބޭރަށް ހިންގުމަކީ ދުވަސް ނުފުރާ ކުދިންނަށް ދިމާވާ މައްސަލައަކަށްވާއިރު މަސްތުވާތަކެތި ބޭނުންކުރާ މައިންގެ ދަރިންނާއި އެހެނިހެން ދުވަސް ނުފުރާ ކުދިންގެ މާ ބޮޑު ތަފާތެއް ނެތް ކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ އެ މައިން ބޭނުންކުރާ އެއްޗެއްގެ ސަބަބުން ތަފާތުތަކެއް އަންނަ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.
ވިހެއުމަށް ދިއުމުން ޓެސްޓު ހަދާއިރު މަސްތުވާތަކެތި ބޭނުންކުރާކަން ނޭނގޭ މައިން ތިބޭއިރު ދުވަސް ނުފުރާ ވިހާ އެ ފަދަ ކުދިން ގެއަށް ދޫކޮށްލާފަހުން ނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި ނިޔާވެގެން ދަރިފުޅު ގޮވައިގެން އަންނައިރު މައިމީހާ ހުންނަނީ މަސްތުގެ ހާލަތުގައި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދަރިފުޅު ނިޔާވާން މެދުވެރިވި ސަބަބު ސީދާ ސާފުނުވާ ކަމަށް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.
ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު މަދުކުރުން:
- މައިމީހާގެ ސިއްހަތަށް ބެލުން.
- ރަނގަޅު ކާނާ އާ ކަސްރަތު. ބަލިތަކުން ދިފާއުވުން.
- ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމުގެ ކޮންޓްރޯލްކުރުން.
- އިންފެކްޝަންތަކުން ދުރުވުމަށް ވެކްސިންތައް ޖެހުން.
- ސިނގިރޭޓާއި މަސްތުވާތަކެތިން ދުރުން.
ޑރ. ފައިސަލް ވިދާޅުވީ އެއް ފަހަރު ދުވަސް ނުފުރާ ވިހައިފިނަމަ ދެވަނަ ފަހަރުވެސް ވިހެއުމުގެ ފުރުސަތު އޮންނަނީ ފުރަތަމަ ފަހަރުވެސް ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވި ސަބަބު ކަމަށާއި އެގޮތުން ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ކަމެއްގެ ސަބަބުން ފުރަތަމަ ފަހަރު ދުވަސް ނުފުރާ ވިހާފައިވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެ އިތުރުން މައިމީހާ ސިނގިރޭޓް ބުއިމުގެ އިތުރުން އެހެން މީހަކު ބޯ ސިނގިރޭޓުގެ ދުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.
އައިޖީއެމްއެޗްގެ އެންއައިސީޔޫގައި 23 ނުވަތަ 24 ކުދިން އޮންނަ ދުވަސްތައްދާ ކަމަށާއި އެންމެ އުދަނގޫ ކަމަކަށް ދިމާވަނީ އެތަނުގައި ނަރުހުން މަދުވުންކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ ކޮންމެ ނަރުހަކު 4 ކުދިން ބަލަން ޖެހޭ ފަހަރުތައް ވެސް ދޭ ކަމަށެވެ.
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ދުވަސް ނުފުރާ ވިހެއުން މަދުކުރުމުގެ މުހިއްމުކަން ސަރުކާރަށާއި އާންމު ރައްޔިތުންނަށް އެނގުން ކަމަށާއި އެ އަދަދު މަދުކުރަން އަދި އުފަންވުމުން ރަނގަލު މުސްތަގުބަލެއް ހޯދައިދިނުން ކަމަށެވެ.