ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ ވެރިން އިންޑޮނީޝިއާގެ ބާލީގައި ބޭއްވި ބައްދަލުވުމުގެ ހަވާސާގައި ޗައިނާއާއި ކެނެޑާގެ ވެރިން ބޭއްވި ބައްދަލުވުމުގެ ތަފްސީލުތައް މީޑިއާ އަށް ހާމަ ވުމުން ޗައިނާގެ ރައީސް ޝީ ޖިންގްޕިން ކޯފާ އިސްކުރައްވައިފިއެވެ.

ޖީ20 ގެ ހަވާސާގައި އެ ދެގައުމުން ބޭއްވި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެކެވެ. ނަމަވެސް ބައްދަލުވުމުގެ ތަފްސީލުތައް މީޑިއާއަށް ތިލަވުމުން، ކޯފާ އިސް ކުރައްވައި ޝީ، ކެނެޑާނެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޭ އާ ބައްދަލު ކުރައްވައި ވިދާޅުވީ، އެ ވާހަކަތައް މީޑިއާއަށް ހާމަ ކުރެއްވުން ގޯސް ކަމަށާއި ކެނެޑާގެ އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.

"އަހަރެމެން މަޝްވަރާ ކުރި ހުރިހާ ވާހަކައެއް ނޫސްތަކަށް ތިލަވެއްޖެ، އެއީ ރަނގަޅު ގޮތެއް ނޫން"
ޝީ

ޖަވާބުގައި ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވަނީ، ކެނެޑާގައި ގަބޫލުކުރަނީ، ހިޔާފަޅުކުރުމުގެ މިނިވަންކަމާއި ހުޅުވާލެވިފައިވާ ތެދުވެރި ވާހަކަތައް ދައްކަން ކަމަށެވެ. އަދި ކެނެޑާގައި ކުރިއަށް ނެރޭނީވެސް އެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވެއެވެ.

"އަހަރެމެން އުންމީދު ކުރަން ހިޔާލު ތަފާތު ވިޔަސް ކުރިއަށް އޮތް ތާނގައި ބިނާ ކުރަނިވި ގޮތަކަށް މަސައްކަތްތައް ކުރަން" ޓްރޫޑޭ ވިދާޅުވިއެވެ.

ޓްރޫޑޭގެ ވާހަކަ ނިންމަވާލެއްވުމުގެ ކުރިން، "މަޝްވަރާ ކުރެވޭނެ ހާލަތެއް ފުރަތަމަ އުފައްދާ" ށޭ ވިދާލުވެ ސަލާމް ކުރައްވާފައި ޝީ، ޓުރޫޑޭ އަރިހުން ވަޑައިގަންނަވައެވެ. އެއާއެކު ޓްރޫޑޭ ވެސް އެތަން ދޫކުރައްވާ ވަޑައިގަންނަވައެވެ.

ހަބަރުތައް ބުނާ ގޮތުން، ޗައިނާ އާއި ކެނެޑާ މަޝްވަރާ ކުރީ، ކެނެޑާގެ އިންތިހާބުގައާއި ޗައިނާއަށް ފައިދާވާ ގޮތަށް ވިޔަފާރީގެ މައުލޫމާތުތަކެއް ލީކް ކުރުމަށް މަސައްކަތް ކުރި ޖާސޫސެއްގެ ވާހަކަ އެވެ. ނަމަވެސް މި ވާހަކަތައް އެ ދެވެރިން ފަހުން ދެއްކެވި ވާހަކަތަކުގައި ވިދާޅުވެފައެއް ނުވެއެވެ.

ޗައިނާ އާއި ކެނެޑާ އާ ދެމެދު ނުތަނަވަސްކަން އޮންނަތާ ކިތަންމެ ދުވަހެކެވެ. އެގޮތުން 2018 ވަނަ އަހަރު ކެނެޑާއަސް ޖާސޫސް ކޮށްދިނުމުގެ ކުށުގައި ހުއާވޭ ޓެކްނޮލޮޖީސްގެ އެކްޒެކެޓިވް މެންގް ވެންޒޯ އާއި ކެނެޑާގެ 2 ރައްޔިތަކު ހައްޔަރު ކުރިއެވެ. ފަހުން އެ 3 މީހުންވެސް ޗައިނާއިން ދޫކޮށްލާފައި ވަނިކޮށް ޗައިނާއަށް ޖާސޫސް ކޮށްދިން ކަމުގެ ތުުހުމަތުގައި ކެނެޑާގެ ހައިޑްރޯ ކިއުބެކް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރި މީހަކު ކެނެޑާއިން ހައްޔަރު ކުރިއެވެ.