މިދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ކޭސްތައް މަދުވެ މިހާރު ޕޮޒިޓިވްވާ އަދަދު ރިޕޯޓްކުރާ މިންވަރު މަދުވެފައި ވީ ނަމަވެސް އަނެއްކާވެސް ކޭސްތައް އިތުރުވެ އެ ބަލީގައި މަރުވާ މީހުން އިތުރުވާން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ހަފްތާއަކު އާންމު ކުރާ ކޮވިޑް ކޭސްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 6 އިން 12 އާ ދެމެދު ކޮވިޑަށް 95 މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 63 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 7 މީހަކާއި އަދި އެހެނިހެން ސަރަހައްދުން ޕޮޒިޓިވްވި 25 މީހެކެވެ.

މިދިޔަ ހަފްތާގައި 95 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު އޭގެ ކުރީ ހަފްތާގައި ކޮވިޑް ޖެހިގެން ރިޕޯތްކޮށްފަިއވާ އަދަދަކީ 90 އެވެ. އަދި އޭގެ ކުރީ ހަފްތާގައި ރިޕޯޓްކުރި އަދަދަކީ 84 އެވެ. ވޭތުވެ ދިޔަ ތިންހަ ފްތާގެ ތަފާސްހިސާބަށް ބަލާއިރު، ހަފްތާއަކު ކޮވިޑް ޖެހޭ ކޭސް މި އަންނަނީ އިތުރު ވަމުންނެވެ.

މީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 311 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ ކުރީ ހަފްތާގައި އެ އަދަދު 309 ގައި ހުރި އިރު މިދިޔަ ހަފްތާތެރޭ އެބަލީގައި މި ވަނީ ދެ މީހަކު މަރުވެފައެވެ. އަދި މި މަހުގެ ފުރަތަމަ ހަފްތާގައި ކޮވިޑް ޖެހިގެން އެކަކު ވަނީ މަރުވެފައެވެ. މުޅި މި ނޮވެމްބަރު މަހަށް ބަލާއިރު ޖުމްލަ ތިން މީހަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށް އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މަހުގެ ދެ ހަފްތާ ނިމިގެން ގޮސްފައިވާ އިރު މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 185 ކަމަށް އެ ތަފާސް ހިސާބުން ދައްކާ އިރު، މިދިޔަ ސެޕްމިދިޔަ ސެޕްޓެމްބަރު މަހު 185 ކޮވިޑް ކޭސް އަދި އޮކްޓޯބަރު މަހު 328 ކޮވިޑް ކޭސް ވަނީ ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޖަލައި 30 އިން ފެށިގެން އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހާ ހަމައަށް އަދަދުތައް ވަނީ 10 އިން ދަށުގައި ހިފެހެއްޓިފައެވެ. ނަމަވެސް އޮކްޓޯބަރު 9 އަކަށް ފަހު ވޭރުވެ ދިޔަ ތިން ހަފްތާތެރޭ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުން މި ވަނީ އިތުރުވެފައެވެ. ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި 25 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، ދެވަނަ ހަފްތާގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މި ވަނީ 21 އަށް ތިރިވެފައެވެ.

ކޮވިޑް ކޭސްތައް އިތުރުވާ ތަން މި ދުވަސްވަރު ފެންނަ އިރު ބައެއް ވައިރަލް ރޯގާ އާއި ހުމާއި، ބޭރަށް ހިންގުމާއި، ޑެންގޫ އަދި ފާނަބަސަންތު ފަދަ ބަލިތައް ގިނައިން ފެތުރެމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ.