މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިޝަން ފޯ މައިގްރަން ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ޖަމިއްޔާއިން ހިންގި ފަންޑްރެއިސް އިވެންޓުން ދެ ދުވަސްތެރޭ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އެމްއެމްޑަބްލިއުއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާންމުންގެ ވަރަށް ބޮޑު އެއްބާރުލުމާ އެކު، 48 ގަޑިއިރުގެ ތެރޭގައި ޖުމްލަ 192،954.43 ރުފިޔާ އާއި 1،078 ޑޮލަރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ހާލުގައ ޖެހުނު މީހުންނަށް އެހީވާން އާންމުންނަށް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ހާލުގައި ޖެހުނު ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގެއް ހޯދައިދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ހާއްސަކޮށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެ ޖަމިއްޔާއަށް އިތުބާރުކޮށް ބިދޭސީންނަށް އެހީތެރިކަން ފޮރުކޮށް ދިނުމަށް އެހީވެދިން ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކަުރާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ، ހާލުގައި ޖެހުނު ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތް ކުރަމުން އަންނަ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި އެ ފަރާތްތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މަރުވި މީހުންގެ ގާތް ތިމާގެ މީހުންގެ މައުލޫމާތު އެއްކުރުމަށް ކަމާބެހޭ އެމްބަސީތަކާ ގުޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެފަރާތްތަކާ ގުޅުމުން މި ހާދިސާގައި މަރުވި އާއިލާތަކަށް ވެސް ފައިސާ ދޫކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ، އެ ޖަމިއްޔާއިން ބުނިގޮތުގައި، މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 33 ބިދޭސީއަކު ހާލުގައި ޖެހި 10 ބިދޭސީއަކު މަރުވި އިރު ފަންޑަށް ލިބުނު ފައިސާ، ހާލުގައި ޖެހިފައިވާ 33 ބިދޭސީންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމަށް ހަމަހަމަކޮށް ބަހާނެ ކަމަށެވެ.

މިހާރު އެހީ ފަންޑަށް ލިބިފައިވާ ދެ ލައްކަ ރުފިޔާގެ ތެރެއިން 1 ލައްކަ ރުފިޔާ ހާއްސަކޮށްފައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާ އަށާއި އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ފަރާތަށް ހަދިޔާ ކުރުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެއަށް ފަހު ނިރުފެހި ގޭގައި ދިރިއުޅެމުން ދިޔަ އިތުރު 13 ބިދޭސީންނަށް އެހީއަށް ލިބުނު ފައިސާގެ ތެރެއިން 83،830 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކޮންމެ މީހަކަށް 6448 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި ނިރުފެހިގެ ކައިރީ ހުރި ގޭގައި ހުޅުހިފައި އަލިފާނުގެ ހާދިސާއިން ހާލުގައި ޖެހުނު އިތުރު 12 ބިދޭސީންނަށް އެހީވުމަށް 20،957 ރުފިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. މި ބާރަ ބިދޭސީންގެ މައްޗަށް މި ފައިސާ ބަހާލުމުން މީހަކަށް 1746 ރުފިޔާ ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި 10 މީހަކު މަރުވެ، ގިނަ ބަޔަކު ހާލުގައި ޖެހުނު އިރު އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އަލިފާނުގެ ހާދިސާ ހިނގި ގެ ސާފު ކުރަމުން އަންނަނިކޮށް އިއްޔެ ވަނީ މީހެއްގެ ފައިތިލަ ފެނިފައިވާ އިރު، އަދި އެކަމާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސަރުކާރުން ވެސް މިހާތަނަށް ވަނީ ބޮޑު ހޭދައެއް ކޮށްފައިއެވެ. އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ 135،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި އެ ހާދިސާގައި ހާލުގައި ޖެހުނު 33 ފަރާތަކަށް އަންނަނީ ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށް ދެމުންނެވެ.