ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ހިދުމަތް، މާދަމާ ޅ. އަތޮޅުގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ޅ އަތޮޅުގެ ދަތުރުތައް ފެށުމަށް މިއަދު ދެ ލޯންޗު ވަނީ އެ އަތޮޅަށް ފުރާފައެވެ. އަދި މާދަމާ މެންދުރުފަހު އެ އަތޮޅުގެ ދަތުރުތައް ފެށުމަށް ވަނީ ނިންމާފައިވާއިރު ފުރަތަމަ ހަފްތާގައި އޮންނަ ދަތުރުތައް އެއްވެސް އަގަކާ ނުލާ ކުރެވޭނެއެވެ.

ޅ. އަތޮޅުގެ ދަތުރުތައް ފުރަތަމަ ހަފްތާކުރަނީ ކައުންސިލްތަކުގައި ނަން ނޯޓު ކޮށްގެންނެވެ. އަދި އެ އަތޮޅު މަޑިވަރު އެއާޕޯޓަށްވެސް އެ ފެރީ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ޖޫން 12 ގައި ފެށި އިރު ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ، ހދ އަދި ށ. އަތޮޅަށް ފެރީގެ ދަތުރުތައް ވަނީ ފަށައިފައެވެ. ޅ. އަތޮޅުގައި ފެރީގެ އަގުތައް ކޮޅަކަށް އުޅެނީ 35 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުއެވެ.