ވައިގެ މަގުން ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ އަންހެންނެއްގެ އަތުން 4.460 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައި ގަނެފައި ވަނީ ނޮވެމްބަރު 09 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ އަންހެނަކާ މެދު ޝައްކު ކުރެވިގެން، އެފަސިންޖަރުގެ ލަގޭޒް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހްލީލް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.460 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި ބްރެޒިލް އަންހެން މީހާ އާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށެވެ.

މިއީ މި އަހުރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ދިހަވަނަ ފަހަރެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގެންފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.