މައްސަލަ ބޮޑުވެފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލު ފާސްކޮށްފިއެވެ.
ބިލް ފާސްކުރީ މަޖިލިހަށް ހާޒިރުވެ ވަޑައިގަތް 82 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 26 މެންބަރުން ވޯޓުވަނީ ދެއްވާފައެވެ.
ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
މިއަދު ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި އިރު ވަގުތު ވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރަމުންނެވެ. އަދި އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ނުކުރާތީ ސަރުކާރު ފެކްޝަންގެ މެންބަރުން ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
މިއަދު ޓެކްސް ބިލަށް ވޯޓަށް އަހާފައި މިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މި ބިލަށް ވޯޓަށް އަހަން ތާވަލް ކުރުމަށްފަހުއެވެ.
ހޯމަ ދުވަހު މި ބިލް ފާސް ކުރަން ތައްޔާރަށް ތިއްބާ މަޖިލީހުގެ ރިޔާސަތުން ވަނީ ކޯރަމް ނެތް ކަމަށް ބުނެ ޖަލްސާ ނިންމާލައިފައެވެ. އަދި އިއްޔެ ބޭއްވި ޖަލްސާގައި ވެސް އެ ބިލަށް ވޯޓަށް ނާހައި ނަޝީދު ވަނީ ޖަލްސާ ނިންމާލައިފައެވެ.