ލޭންޑިންކްރާފްޓެއް ބަންޑުންޖަހާލި ހާދިސާއެއްގައި ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތުގައި 5118 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށާއި އަދިވެސް އެމީހާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެމަގުން 5118 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ބަލާފައިވާ ކަމަށެވެ.

އެގޮތުން ވައިގެ މަގުން ކޯސްޓްގާޑުގެ ސިފައިން ވަނީ 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ކޯސްޓްގާޑު ޝިޕް ގާޒީ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ވަނީ ކަނޑުމަގުން 264 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަަމށް އެމްއެންޑީއެފުން ބުނެއެވެ. އެ މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އަދިވެސް އެ މީހާ ފެނިފައެއް ނުވެއެވެ.

ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާ އެކު 14 ނމ. ބޭރުން ދަތުރު ކުރަމުން ދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ މި ލޭންޑިންކްރާފްޓް ބަންޑުން ޖަހާލާފައި ވަނީ ލޭންޑިން ކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނީ ބަންޑުން ޖަހާލި ދޯނީގައި ތިބި 3 މީހުން ސަލާމަތް ކޮށްފައިވަނީ އެ ދޯނި ކައިރީގައި ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.