ރައްޔިތުން މަޖިލީހުގެ އިދާރީގެ ހިސާބުރައް ދައްކާ ގޮތުގައުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ އިދާރާއަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ އަދަދު ދެލައްކަ އަށް ވުރެއް މައްޗަށް އަރާކަމަށް އޮޑީޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ދައްކައިފިއެވެ.
އޮޑީޓާ ޖެނެރަލް އިން އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ މަޖިލީހުގެ އިދާރީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދަކީ 471،545 ރުފިޔާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 266،548 ރުފިޔާ ވަނީ އެ އަހަރު ނިމުނު ފަހުން މި އަހަރު ތެރޭ ދައްކާފައި ކަމަށެވެ. އެހެންކަމުން މިހާރު ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރީ 201،997 ރުފިޔާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.
މަޖިލީހުގެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ތަކުރާރުކޮށް ލިޔުމުން އަންގާފައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. ނަމަވެސް އެ ހުރިހާ ލިޔުންތަކާ އެއްގޮތަށް އެ ފައިސާ ހުރިހާ ފަރާތްތަކުން ދައްކާފައި ނުވާ ކަމާއި އޭގެތެރޭގައި ފައިސާ ނުދައްކާ ގިނަ ދުވަސް ވެފައިވާ އަދަދުތައް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެއެވެ. ކަން މިހެން އޮތް އޮރު އެ އިދާރާއިން ލިޔުމުން ފައިސާ ދެއްކުމަށް އެދުން ފިޔަވާ އެ ފައިސާ ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.
ނުލިބި ހުރި ފައިސާ އާއި ލަސްވި މުއްދަތު
- ޓިކެޓް ރީފަންޑަށް 30،069 ރުފިޔާ - ލަސްވި މުއްދަތު: 1 އަހަރާއި 9 މަސް
- ޓިކެޓް ރީފަންޑަށް 27،139 ރުފިޔާ - ލަސްވި މުއްދަތު: 2 އަހަރާއި 10 މަސް
- ޓިކެޓް ރީފަންޑަށް 11،658 ރުފިޔާ - ލަސްވި މުއްދަތު: 3 އަހަރާއި 5 މަސް
- ޓިކެޓް ރީފަންޑަށް 91،394 ރުފިޔާ - ލަސްވި މުއްދަތު: 1 މަސް
- އިތުރަށް ދެވިފައިވާ މުސާރަ 32،572 ރުފިޔާ - ލަސްވި މުއްދަތު: 8 އަހަރާއި 6 މަސް
- އިތުރަށް ދެވިފައިވާ މުސާރަ 1008 ރުފިޔާ - ލަސްވި މުއްދަތު: 7 އަހަރާއި 4 މަސް
- ދަތުރުގެ ހަރަދަށް 9930 ރުފިޔާ - ލަސްވި މުއްދަތު: 4 އަހަރާއި 9 މަސް
- އިތުރަށް ދިން އިތުރުގަޑީ އެލަވަންސަށް 1227 ރުފިޔާ: ލަސްވި މުއްދަތު: 4 މަސް
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި ވެއެވެ. އެ ގޮތުން ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން ފައިސާ ހޯދުމަށް މަސައްކަތް ކޮށް ފައިސާ ނުލިބިއްޖެ ނަމަ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާކޮށްދީ ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވުން ހިމެނެއެވެ.
އަދި އެ މުއްދަތުގެ ތެރޭގައިވެސް ފައިސާ ނުލިބިއްޖެ ނަމަ އިތުރު 7 ދުވަސް ދިނުމަށް ފަހު އެ މުއްދަތުގައި ފައިސާ ދެއްކުމަށް ވެސް ލިޔުމުން އަންގަންވާނެ ކަމަށް އެ ގަވައިދުގައި ބުނެއެވެ. އަދި އިތުރަށް ދިން މުއްދަތުގައި ވެސް ފައިސާ ނުދެއްކިއްޖެ ނަމަ އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެ ގަވާއިދުގައި ބުނެއެވެ. މީގެ އިތުރުން ޝަރީއަތަށް ހުށަހަޅައިގެން ވެސް އެ ފައިސާ ނުލިބިއްޖެ ނަމަ އެކަމާ މެދު ގޮތެއް ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅަން އެ ގަވާއިދުގައި ބުނެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ބުނީ، ދައުލަތަށް ލިބެން ޖެހޭ ފައިސާ އެ ލިބެން ޖެހޭ މުއްދަތުގައި ނުހޯދޭ ނަމަ އޭގެ ސަބަބުން ދައުލަތުގެ ކޭޝްފްލޯއަށް އަސަރުކުރުމުގެ އިތުރުން އެ ފައިސާ ނުލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމަުން ނުލިބި ހުރި ފައިސާ ހޯދުމުގެ ގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް އެ ފައިސާ ލިބުން އަވަސް ކުރެވޭނެ ގޮތެއް ހޯދުމަށް މަޖިލީހަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއް ގޮތަށް އަމަލު ކުރުމަށް ވެސް މަޖިލީހުގެ އިދާރާއަށް ވަނީ އަންގާފައެވެ.