ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލަން އޮންނަނީ އެންމެ ގޮތެއް ކަމަށާއި، އެހެންކަމުން އިއްޔެގެ ޖަލްސާގެ ކޯރަމް ހަމަނުވާ ކަމަށް ބުނެ، ރިޔާސަތުން ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށްނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެގެ ޖަލްސާ މެދުކަނޑާލާފަ އަލުން ފެށިއިރު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނޭ ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މެންބަރުން ނެތް ކަމަށް ވިދާޅުވެ، ޖަލްސާ ނިންމަވާލައްވައިފައެވެ. އެއަށް ފަހު، ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ތަޅުމުގައި އަޑުގަދަކުރައްވާފައިވެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމަންޓް ގްރޫފްގެ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ބައެއް މީޑިއާތަކަށް ވިދާޅުވީ، ކޮމިޓީން ރިޕޯޓު ނިންމިތާ ދެ ދުވަސް ވެއްޖެ ކަމަށާއި، އިއްޔެގެ ޖަލްސާގައި އަމަލުކޮށްފައި ވަނީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އާންމު ގޮތެއްގައި ވޯޓަށް އައްސަވާއިރު، ކޯރަމް ހަމަނުވާ ނަމަ، ރަނގަބީލު ޖެއްސެވުމަށް ފަހު ރިޔާސަތުން ފަސް މިނެޓު މަޑުކުރައްވައެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ނިންމަން ގަވައިދުގައި ބަޔާންކޮށްފައި އޮތީ އެންމެ ގޮތެއް ކަމަށެވެ.

"އެއީ 'والحمد لله رب العالمين، މަޖިލިސް ނިމުނީ.'" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލިހުގެ ބަހުސް ނިންމުމަށް ފަހު ވޯޓަށް އެހުމަށް ތިންވަނަ ކިޔުން ކިޔާނެ ކަމަށެވެ. ނަމަވެސް ތިންވަނަ ކިޔުން އިއްޔެ ނުކިޔާތީވެ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް ގޮސްފައި އޮތީ ބަހުސް މަރުހަލާ އެކަނި ކަމަށާއި، ބަހުސަށް ހުޅުވާލުމާއި މަޖިލިސް ނިންމުމާ ދެމެދު ރިޔާސަތުން ވިދާޅުވާ ވާހަކަތައް ޔައުމިއްޔާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމާ މަޖިލިހުގެ ނިންމުން ގަވައިދާ ހިލާފު ކަމަށް މެންބަރުންނަށް އޮޅިވަޑައިގެންފައިވާތީވެ އަޅުގަނޑު [ކަން އޮތް ގޮތް މި] ދެންނެވީ."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލިހުގެ ރައީސް

މިއަދުގެ ޖަލްސާ ފަށްޓަވައި ނަޝީދު އެޖެންޑާ އާ ގެން ކުރިއަށް ވަޑައިގަންނަވަނިކޮށް، ނިޒާމީ ނުކުތާ އެއް ނަންގަވައި، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ނަޝީދު ވިދާޅުވި ގޮތަށް ރިޔާސަތުން އިއްޔެ ޖަލްސާ ނިންމަވާލެއްވި ނަމަ ރަނގަޅުވީސް ކަމަށާއި، ނަމަވެސް އިއްޔެގެ ޖަލްސާ ނިންމާލީ ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ ކަމަށެވެ.

އިއްޔެގެ ޖަލްސާ އަށް ފަހު، ޝަރީފް ވަނީ ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފައެވެ. އެކަމަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ، މަޖިލިހުގެ ރިޔާސަތަކީ މަޖިލިހުގެ މެންބަރުން ވޯޓު ދީގެން ކަނޑައަޅާ ކަމެއް ކަމަށާއި، ޝަރީފްގެ އަމަލާ މެދު ހިތާމަކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދުށީ އިއްޒަތްތެރި މެންބަރު ގަވައިދާ ހިލާފަށް އަދި ހުރިހާ އާދަކާދައަކާއި އުސޫލުތަކާ ވެސް ހިލާފަށް މި ރިޔާސަތުގައި ވަޑައިގެން އިށީންނެވިތަން. މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމެއް." ނަޝީދު ވިދާޅުވިއެވެ

އިއްޔެ ޓެކްސް ބޮޑުކުރާ ބިލް މަޖިލީހުގެ ތަޅުމަށް ގެނެސް، ބަހުސްގެ މަރުހަލާ ހުޅުވާލިއެވެ. ނަމަވެސް އެއްވެސް މެންބަރަކު ބަހުސް ކުރަން އެދިވަޑައިނުގަތުމުން ދެން އޮންނަ އުސޫލަކީ، ބިލް ފާސްކުރަން ވޯޓަށް އެހުމެވެ.

"އެއްވެސް އިއްޒަތްތެރި މެމްބަރަކު ފުރުސަތަކަށް އެދިވަޑައިގެންފައެއް ނެތް. އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ޖަލްސާ ނިންމަވާލައްވަމުން އަފީފް އެހެން ވިދާޅުވި އިރު ތަޅުމުގައި ތިއްބެވީ ތިންބައިކުޅަ އެއްބައި މެންބަރުންނެވެ.

އެހެންވެ އިއްޔެ ޖަލްސާ ނިންމާލުމުން އުފެދުނު ނުތަނަވަސްކަމުގައި ބައެއް މެންބަރުން ސޯޝަލް މީޑިއާ އާ ހަމައަށް ޝުއޫރުތައް ބަންޑުން ކޮށްލައްވާފައިވާއިރު، ޓެކްސް ބިލަށް އިދިކޮޅު މެންބަރުން ވެސް ތާއީދެއް ނުކުރެއެވެ. ޓެކްސް ބޮޑުކުރާ ބިލް ފާސްކުރުމާ ދެކޮޅަށް އިދިކޮޅުން ވަނީ އިއްޔެ މަގުމައްޗަށް ނުކުމެ އިހްތިޖާޖު ވެސް ކޮށްފައެވެ.