ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގެ ދައުވާ ލިބުނު ހަތަރު މީހުން ސަލާމަތްވެއްޖެއެވެ.
ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެއެވެ.
އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅީ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުންނެވެ.
ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ފުރަތަމަ ހެކިބަސް ދިން ބައެއް މީހުން ވަނީ ފަހުން ހެކިބަސް އަނބުރާ ގެންގޮސްފައެވެ. އަދި ބައެއް ހެކިވެރިން ހެކިބަސް ދިނުމަށް ވެސް އުޒުރުވެރިވެފައިވެއެވެ.
މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ދައުލަތުން ކުރިން ބުނެފައިވެއެވެ. ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ބުނެއެވެ.
ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ނަދީމު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފާވާއިރު އޭނާ މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.