އިއްޔެ ހެނދުނު ރެހެންދި ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓްގެ މައްސަލަ ހައްލު ވަންދެން ސްކޫލްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފިއެވެ.

ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައި ވަނީ ދަރިވަރުން އިއްޔެ ހެނދުނު ސްކޫލަށް ހާޒިރުވެ، ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައި ވަނީ ރެހެންދި ސްކޫލުގެ ތިރީ ފަންގިފިލާ އާއި އަދި ފަސްވަނަ ފަންގިފިލާގައި ހުރި ކަރަންޓް ބޯޑެއްގައި ކަމަށެވެ.

ރެހެންދި ސްކޫލްއިން ބުނީ ސްކޫލްގެ ކަރަންޓް ވިއުގާއަށް ލިބުނު ގެއްލުންތައް މިނިސްޓްރީ އޮފް އެޑިއުކޭޝަން ލަފައާއެކު ސްޓެލްކޯގެ ބެލުމުގެ ދަށުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ލިބުނު ގެއްލުންތައް މުޅިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެ ކަމަށް ލަފާކުރަނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

އެސްކޫލުން ބުނީ، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިޔުމަށްޓަކައި މިއަދުން ފެށިގެން އޮންލައިންކޮށް ކްލާސްތައް ކުރިއަށްދާނެ ކަމަށާއި އޮންލައިންކޮށް ކިޔަވައިދިނުމަށްޓަކައި ގޫގުލްމީޓް މެދުވެރިކޮށް ކްލާސްތައް ނެގުމާއި ވައިބާ މެދުވެރިކޮށް ދަރިވަރުންނަށް މަސައްކަތްތައް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ސްކޫލްއިން ބުނެއެވެ.

ރެހެންދި ސްކޫލުަށް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ އުޅަނދުފަހަރު ގޮސް، އަލިފާންގަނޑު ނިއްވާލީ 7:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން ރެހެންދި ސްކޫލްގެ ހެނދުނު ދަންފަޅި ކެންސަލް ކޮށް، ދަރިވަރުން ވަނީ ގެއަށް ފޮނުވާލައިފައެވެ.