އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އަނިޔާދިނުމަށް ގޮވާލަމުން އަންނަ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން އެ ޕާޓީއިން ގޮވާލައިފިއެވެ.
އެމްޑީޕީއިން ބުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލު ތަފާތުވުންތަކުގައި އެކަކު އަނެކަނާ އިހުތިރާމާއެކު މުއާމަލާތް ކުރުމަށާއި އެ ވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާ ގޮތަށް އެއްވެސް ފަރާތަކުން މުއާމަލާތް ނުކުރުމަށް އިސްތިމާސްކުރާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫން ކަމަށެވެ.
އެމްޑީޕީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި ޖިނާއީ ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށާއި ގާނޫނުން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެރެއިން ކަމަށް ގަބޫލުކުރާ ކަމަށްވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.
އެމްޑީޕީއިން ބުނީ އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ އެ ޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭ ކަމަކަށްވާއިރު އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސް އެޅިގެން ދާނެ ކަމެއް ކަމަށްވެސް އެޕާޓީން ފާހަގަކުރެއެވެ.