އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ އެ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށާއި ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށެވެ.

ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއި އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީއެވެ.

އެ ރަސްމިއްޔާތަށް ފަހު ހާލިދު ދެއްކެވި ވާހަކައިގައި ވަނީ އެފްއެސްއެމްއާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންޓެކްޓްލެސް، އަވަސް އަދި ރައްކާތެރިކަމާއެކު އެފްއެސްއެމްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.

ގަސަމް ވިދާޅުވީ މިއަދު މާލެ އާއި ހުޅުމާލޭގައި ތައާރަފްކުރެވުނު އެ ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫއާއި ގދ.ފުވައްމުލައް އަދި ސ. ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުގައި މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލާއި އެސްބީއައިއާއި އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭއިރު ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.