ކޯރަމް ނެތް ކަމަށް ބުނެ ރިޔާސަތުން ކޯރަމް ރަނގަބީލުވެސް ނުނަޖަހާ، ޓެކްސް ބިލަށް ވޯޓަށް އަހަން ވެފައި އޮއްވާ މަޖިލީސް ނިންމާލައިފިއެވެ.
އެއާއެކު ބައެއް މެންބަރުން ރިޔާސަތުގެ ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރައްވާފައި ވެއެވެ.
ދައުލަތުގެ އާމްދަނީ ދަށްވެ، ހަރަދުތައް ފޫބައްދަން އާންމުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށްޓަކައި ހުށަހެޅި ޓެކްސް ބިލަށް ވޯޓަށް ނާހާ ޖަލްސާ ނިންމާލީ ރިޠާސަރުގައި އިންނެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ޓެކްސް ބޮޑު ކުރުމާ އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ވެސް ހިޔާލު ތަފާތުވެފައި އޮތް ދަނޑިވަޅެއްގައި، ކޯރަމް ނެތް ކަމަށް ބުނެ މަޖިލީސް ނިންމާލެއްވި އަފީފަކީ، ޓެކްސް ބޮޑުކުރުމަށް ދެކޮޅު ހަދާ ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ.
މި ކަމާ ގުޅިގެން އެމްޑީޕީގެ ސަރުކާރު ފަޅީގެ އެމްޕީން ތަޅުމުގައި އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރައްވަމުން ގެންދަވަނިކޮށް ޖަލްސާ ނިންމާލެއްވުމަށް ފަހު އަފީފު ވަނީ ވަޑައިގެންފައެވެ. އެއާއެކު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ރިޔާސަތަށް ވަޑައިގެން މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިށީންނަވައެވެ. އެއާއެކު ހޯލުގެ ތެރެއިން "ބަޣާވާތެކޭ، ބަޣާވާތެކޭ" ގޮވާ އަޑު އިވެެއެވެ.
މިއަދު ޓެކްސް ބިލް މަޖިލީހުގެ ތަޅުމަށް ގެނެސް، ބަހުސްގެ މަރުހަލާ ހުޅުވާލިއެވެ. ނަމަވެސް އެއްވެސް މެންބަރަކު ބަހުސް ކުރަން އެދިވަޑައި ނުގަތުމުން ދެން އޮންނަ އުސޫލަކީ، ބިލް ފާސްކުރަން ވޯޓަށް އެހުމެވެ.
"އެއްވެސް އިއްޒަތްތެރި މެމްބަރަކު ފުރުސަތަކަށް އެދިވަޑައިގެންފައެއް ނެތް. އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ޖަލްސާ ނިންމަވާލައްވަމުން އަފީފް އެހެން ވިދާޅުވި އިރު ތަޅުމުގައި ތިންބައިކުޅަ އެއްބައި މެންބަރުން ތިއްބެވިއެވެ.
މިއަދުގެ ޖަލްސާ ނިންމާލުމުން އުފެދުނު ނުތަނަވަސްކަމުގައި ބައެއް މެންބަރުން ސޯޝަލްމިޑިއާ އާ ހަމައަށް ޝުއޫރުތައް ބަންޑުން ކޮށްލައްވާފައި ވާ އިރު، ޓެކްސް ބިލަށް އިދިކޮޅު ޕީޕީއެމް އިންވެސް ތާއީދެއް ނުކުރެއެވެ. އެ ޕާޓީގެ މަޖިލީސް މެންބަރުން އިދިކޮޅަށް ވާހަކަ ދައްކަވާއިރު، އެ ޕާޓީގެ އާންމު ބައެއް މެންބަރުން މިއަދު ވަނީ މަގުމައްޗަށް ނުކުމެ އިހުތިޖާޖުވެސް ކޮށްފައެވެ.
މިއަދުގެ ޖަލްސާ ނިންމާލުމާއެކު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ މާދަމާއެވެ.