އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އެލްޖީއޭ އަށް ހިމަނާފައިވާ އަދަދު މަދުވުމުގެ ސަބަބުން ބައެއް މަޝްރޫއުތައް ނުހިންގޭނެ ކަމުގެ ކަންބޮޑުވުން އެ އިދާރާ އިން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެލްޖީއޭގެ ފަރާތުން ހިއްސާކުރުމަށްޓަކައި ބައިވެރިވެވެޑައިގެންފައި ވަނީ އެ އިދާރާގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީއީއޯ ފާތިމަތު އަފްޝަން ލަތީފެވެ.

މެންބަރުންގެ ސުވާލުތަކައިގެން ކުރިއަށް ދިއުމުގެ ކުރިން ކޮމިޓީގެ ފަރާތުން ދިން ފުރުސަތުގައި އަފްޝަން ވިދާޅުވީ، އެލްޖީއޭގެ އެންޕީއައިގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ބަޖެޓުގައި އެޕްރޫވްކޮށްފައި އޮތީ ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް ބަޖެޓުން ލިބިފައިވާ އަދަދު އެކަނި ކަމަށެވެ. އެލްޖީއޭގައި މިވަގުތު ތިބި މުވައްޒަފުން މަދުކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވި ގޮތުގައި، އެ އިދާރާގެ އެންޕީއައިގައި އެންމެ ބޮޑަށް އިސްކަން ދީފައި ވާނީ މުވައްޒަފުން އިތުރުކުރުމަށެވެ.

އަފްޝަންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މުވައްޒަފުން މަދުވުމުގެ ސަބަބުން، ކައުންސިލްތަކުގެ އެކި ކަންކަމަށް އެޓެންޑުވުމަށް މުވައްޒަފުންނަށް ދަތިވުމެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ކެޕޭސިޓީ މިހާރު 40 ވަރަކަށް ސްޓާފުން ހުރެގެން 200 ވަރަކަށް ކައުންސިލްގެ ކަންތައްތަކަށް އެޓެންޑް ކުރުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަން. ވަރަށް ވޯކްލޯޑު ބޮޑުކޮށް އެލްޖީއޭގެ މަސައްކަތް ދަނީ، އަދި 40 އަކަށް ސްޓާފުންނަކީ ވެސް ކޮމްޕްލީޓްލީ ހަމަ އެހެން ކައުންސިލްތަކުގެ ކަންތައްތަކަށް އެޓެންޑްވާން ތިބޭނެ އެވެއިލަބަލް ސްޓާފުންނެއް ނޫން."
ފާތިމަތު އަފްޝަން ލަތީފް | ސީއީއޯ, އެލްޖީއޭ

ދެވަނަ އަށް އަފްޝަން ފާޅުކުރެއްވި ކަންބޮޑުވުމަކީ ސަރުކާރުގެ އެހެނިހެން މިނިވަން މުއައްސަސާތަކުންނާއި ކުންފުނިތަކުގެ އިނާޔަތްތައް އިތުރުވުމުގެ ސަބަބުން އެލްޖީއޭ އިން މުވައްޒަފުން ވަކިވެ، އެ މުއައްސަސާތަކާއި ކުންފުނިތަކާ ގުޅުމެވެ.

"ވަރަށް ބޮޑަށް އެހެން މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކަށް ލިބިފަވާ އެލަވަންސްތަށް އިތުރުވުމުގެ ސަބަބުން ތަންކޮޅެއް އެޓްރެކްޓިވް އޮޕޮޗުނިޓީސް އެ ބޭފުޅުންނަށް ފެނިވަޑައިގެންަވާތީ ވަރަށް ބޮޑަށް ޓާންއޯވާ ހައިކޮށް އެލްޖީއޭގަ މިވަގުތު އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ." އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ކޮމިޓީގެ ފަރާތުން އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އެންޕީއައި އަށް ހުށަހަޅާފަ މި ހުރި ކަންކަން ކޮންސިޑާ ކުރައްވާ އެކަންކަން ހިމެނޭނެ ގޮތަކަށް މަސައްކަތް ކޮށްދެވުން."
ފާތިމަތު އަފްޝަން ލަތީފް | ސީއީއޯ, އެލްޖީއޭ

އިމްރާން ވިދާޅުވި ގޮތުގައި، 30 އެއްހާ ރަށްތަކުގެ ކައުންސިލްތައް ހިންގަމުންދާ އިމާރާތްތައް ހުރީ 15 އަދި 30 އަހަރަށް ވުރެ ބާވެފައެވެ. އެ ކައުންސިލްތަކުން މެދުނުކެނޑި އެލްޖީއޭ އަށް މައްސަލަތައް އަންނަ ކަމަށް އިމްރާން ވިދާޅުވެ، މި އަހަރު ވެސް ލިބުނީ އެންމެ ހަތަރު އޮފީސް އިމާރާތްކުރާނެ ބަޖެޓު ކަމަށް ވިދާޅުވިއެވެ.

މި އަހަރު ވެސް އަޅުގަނޑުމެންނަށް މި ލިބުނީ އެންމެ ހަތަރު އިދާރާ އަޅާނެ ބަޖެޓު. މި އަހަރު (އަންނަ އަހަރަށް) މިހާތަނަށް ބަޖެޓް ކުރެވިފަ އޮތް ވަރުން އެޅޭނީ އެންމެ ކައުންސިލް އިދާރާ އެއް. އެހެންވީމާ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގަ އެބަ ފާހަގަކުރެވޭ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، މި މައްސަލަ އަށް ރަނގަޅު ހައްލެއް ހޯދަން އެލްޖީއޭ އިން ބޭނުން ކަމަށާއި، ބަޖެޓް ދިރާސާ ކުރެވެމުން ދާއިރު މި ކަންކަމަށް އަލިއަޅުވާލައްވާނެ ކަމަށެވެ.