ކައިވެނިކުރުމުގެ ކުރިން ފިރިހެން މީހާގެ ރަހުމަތްތެރިން ވެގެން އަންހެން މީހާ ލައްވައި އެގްރީމަންޓެއްގައި ސޮއިކުރުވައިފިއެވެ.
ކެރެލާ އަށް ނިސްބަތްވާ މި ދެމީހުން ކައިވެންޏަށް ތައްޔާރު ވީ އެމީހުންގެ ދުވަސްވީ ލޯބީގެ ގުޅުން އުމުރު ދުވަހަށް ގޮށްޖަހާލުމަށެވެ. ކައިވެނި ކުރާ ތަނަށް ގޮސް ކައިވެނިކުރުމުގެ ކުރިން ފިރިހެން މީހާގެ އެކުވެރިން ވަނީ އަންހެން މީހާ ހިފެހެއްޓުމަށް ފަހު އެގްރީމެންޓެއްގައި ސޮއިކުރުވާފައެވެ. އެގްރީމަންޓުގައި ވަނީ ރޭގަނޑު ނުވައެއް ޖަހަންދެން ފިރިހެން މީހާ އަށް ރަހުމަތްތެރިންނާއެކު ބޭރުގައި އުޅެވޭނެ ކަމުގެ ހުއްދަދޭ ކަމަށާއި އަދި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރާއިރު ގުޅައި އުނދަގޫކޮށް ނުހެދޭނެ ކަމަށެވެ. އަންހެން މީހާ ވަނީ މި އެގްރީމެންޓުގައި ސޮއިކޮށްފައެވެ.
ކައިވެނިކުރުމުގެ ކުރިން ކޮންޓްރެކްޓް ހެދުމަކީ އާންމުގޮތެއްގައި ހިންދީ ޑްރާމާތަކުން ފެންނަ ކަމެކެވެ. އަސްލު ދިރިއުޅުމުގައި މަދުމަދުން އެކަންތައް ފެނުނު ނަމަވެސް މިކަހަލަ ކަންތައް އެންމެ ގިނައިން ފެންނަ އެއް ގައުމަކީ ހަމަ އިންޑިއާއެވެ. ދާދިފަހުން އިންޑިއާގެ އައްސާމުގައި ދެމަފިރިން އެއްކޮށް ވަނީ އެގްރީމަންޓެއް ހެދުމަށް ފަހު ސޮއިކޮށްފައެވެ. އެ އެގްރީމަންޓުގައި ބުނީ މަހަކު އެއްފަހަރު ޕިއްޒާ ކާންދާން ޖެހޭނެ ކަމަށާއި ކޮންމެ ދުވަހަކު ގެއިން ކާން ޖެހޭނެ ކަމަށެވެ. އަދި މި އެގްރީމަންޓާ ހިލާފުވާ މީހެއް ނަމަ އެމީހާގެ އެކައުންޓުގައި ހުންނަ ފައިސާ ތަކުގެ ތިން ބައިކުޅަ އެއްބައި އަނެކާ އަށް ދޭންޖެހޭނެ ކަމަށެވެ.
އިންޑިއާ އަކީ މިފަދަ ކަންތައްތައް ކުރާ ގައުމެކެވެ. މަޖަލަކަށް ނަމަވެސް މިކަހަލަ ކޮންޓްރެކްޓްތައް ހަދައިގެން ކައިވެނިކުރާ މީހުންގެ އަދަދު އިންޑިއާގައި ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.