މިއަދު ކުޅުނު ރ. އަތޮޅު ފުޓްސެލް މުބާރާތުގެ ފައިނަލް މެޗުގައި ހިނގި ހަމަނުޖެހުމުގައި އެކިވަރުގެ އަނިޔާލިބިގެން 18 މީހަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ އެ ހަމަނުޖެހުމާ ގުޅިގެން 18 މީހަކަށް ފަރުވާދީފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރުވެސް ފަރުވާދެމުން އަންނަ ކަަމަށެވެ.

ފަޒީލް ވިދާޅުވީ ސީރިއަސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ބޯ ފަޅައިގެން ދިޔަ މީހުންނާއި އަނގަމަތި ފަޅައިގެން ދިޔަ މީހުންގެ އިތުރުން ހަމަނުޖެހުމާ ގުޅިގެން ހޭވަރިކަން ނެތުނު މީހުން ހިމެނޭ ކަމަށެވެ.

އެ ހަމަނުޖެހުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭއަށް އަނިޔާއެއް ލިބި ފަރުވާއެއް ހޯދާފައި ނުވާ ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަނުޖެހުމުގައި ގިނައިން އަނިޔާ ލިބިފައިވަނީ އިނގުރައިދޫ މީހުންނަށެވެ.

އެ މުބާރާތުގައި 10 ޓީމަކުން ވާދަކުރިއިރު މިއަދު ފައިނަލް މެޗުގައި ވާދަކުރީ ދުވާފަރާއި އިނގުރައިދޫއެވެ. އިނގުރައިދޫއިން 3 ލަނޑާއެކު ކުރީގައި އޮއްވާ، ހަމަނުޖެހުން ހިނގާ މަންޒަރު ފެނިގެންދެއެވެ. އެހެންނަމަވެސް ފަހަތުން އަރާ 3- 4 ގެ ނަތީޖާއަކުން އިނގުރައިދޫގެ މައްޗަށް ދުވާފަރުން ވަނީ ކުރި ހޯދާފައެވެ.