އަންނަ އަހަރު ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން، ބޭރު ފައިސާ ގަނެ ވިއްކާ ރޭޓު މެނޭޖުކުރަން ފަސޭހަވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭން ދީފައިވާ ލަފާ ހުށަހަޅުއްވަ ދެއްވަމުން، އެ އިދާރާގެ ސީނިއާ އެނަލިސްޓު މުހައްމަދު އިމްތިނާން ވިދާޅުވީ، ބަޖެޓުގައި ހުރި ބައެއް ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަން ރޭޓާއި އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އިމްތިނާން ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ ބޮޑުކުރުމުން ބޭރު ފައިސާ އިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ދައުލަތުގެ ރިޒާވަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ. އޭގެ އިތުރުން ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯކުރުމުން އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތައް ފަސޭހައިން މެނޭޖުކުރެވި، ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި އެއްފަހަރާ ގަތުމުން ހަރަދުތައް ކުޑަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓެކްސް ބޮޑުނުކުރުމަށް އެމްއެމްއޭ އިން މިދިޔަ ހަފްތާގައި ލަފާދީފައިވާތީ ބައެއް މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ އިދާރާގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އެމްއެމްއޭގެ ޖުމްލަ ލަފަޔަކީ ޓެކްސް ބޮޑުކުރަން ވާނީ ރާއްޖޭގެ މުޅި އިގްތިސޯދަށް ކުރާނެ އަސަރުތަކަށް ބަލާފައި ކަމަށެވެ. ހާޝިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބައެއް ޓެކްސްތައް ބޮޑުކުރިޔަސް އެހެން ގައުމުތަކާ ބަލާއިރު ރާއްޖެ އަށް ކުރާނެ އަސަރު ކުޑަވާނެތީ ޓެކްސް ބޮޑުކުރަން ފުރުސަތު އެބަ އޮތެވެ.
"ޖުމްލަކޮށް އަޅުގަނޑުމެން އެއްބަސްވަން ދައުލަތް ޑިވަލޮޕްވާއިރު ރެވެނިއު މަތިކޮށްގެންނޭ ވާނީ. ރާއްޖޭގެ ޓެކްސް އިންސިޑަންސް ހުރީ ދަށްކޮށްނޭ އެހެން ގައުމުތަކާ ބަލާއިރު. އެ ރޫމް އަދިވެސް އެބަ އޮތޭ އާމްދަނީ އިތުރުކުރަން،"
ހާޝިމް ވިދާޅުވީ، ޕަބްލިކް ބޭންކް އޯވާޑްރޯ ކުރުމުން ބޭރު ފައިސާ އާ އަޅާބަލާއިރު އިގްތިސޯދުގައި އިތުރަށް ދައުރުވާ ދިވެހި ރުފިޔާ މަދުކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ރާވާފައިވާ ކަމަށެވެ. އެގޮތުން އިންފްލޭޝަން ރޭޓު އިތުރުވާ ނަމަ، އެކްސެސް ލިކުއިޑިޓީ މަދުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ބަޖެޓް ކޮމިޓީ އަށް އެރުވި ލަފާގައި އެމްއެމްއޭ އިން ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުން އިންފްލޭޝަން ރޭޓު އިތުރުވެ، އަގުތައް އުފުލުމުގެ އިތުރުން، އިތުރު ފައިސާ ޗާޕްކޮށްފި ނަމަ އެކްސްޗޭންޓް ރޭޓަށް އަސަރުކުރާނެ ކަމަށާއި، ވޭތުވެދިޔަ އަހަރުތަކަށް ބެލުމަށް ފަހު ހިލޭ އެހީ ޖެހީ ބޮޑުކޮށް ކަމަށް ބުނެ، ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.