މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ފުލުހެއް ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހައްޔަރުކުރީ އަށް ފިރިހެނަކާއި ހަތަރު އަންހެނުން ކަމަށް ވާއިރު، އޭގެ ތެރޭގައި ފިލްމީތަރިން ވެސް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ޑީއީޑީ ފުލުހެއް ހިމެނޭއިރު އޭނާއަކީ ޑުރަގް ސްޓޮކް ބަލަހައްޓާ އޮފިސަރެކެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މި މައްސަލާގައި ހިމެނޭ 12 މީހަކަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ބަންދު ޖަހާފައިވާ ގޮތަށް ބަލާލާއިރު:

  • އެކަކަށް ތިން ދުވަސް
  • ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ ހިމެނޭހެން އިތުރު ތިން މީހަކަށް ފަސް ދުވަސް
  • ހުނޭސާ އާދަމް ނަސީރު (ހުނޫ) އަށް ހަތް ދުވަސް
  • ދެ މީހަކަށް 15 ދުވަސް
  • ހަތަރު މީހަކަށް 30 ދުވަސް

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށެވެ.