އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ވުމުގެ މުއްދަތު ހަމަވާން ބާކީ 2 ދުވަހަށް ވެއްޖެއެވެ.

އުރީދޫ ފަން ރަން ގައި ރެޖިސްޓާ ވުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހު ގައި ބަންދުކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، ރަންގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.

6 އަހަރުން މަތީގެ ހުރިހާ އެންމެނަަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރަށް އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ ކަމަށެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ ކަމަށާއި އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 23 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.