މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ)އަށް ޑްރަގް ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހައްޔަރުކުރީ އަށް ފިރިހެނަކާއި ހަތަރު އަންހެނުން ކަމަށް ވާއިރު، އޭގެ ތެރޭގައި ފިލްމީތަރިން ވެސް ހިމެނެއެވެ.

އޭގެ ތެރެއިން، ރިޝްފާގެ ބަންދު އަމުރުގައި ބުނީ ގިނަ ބަޔަކު ރާވައިގެން ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގައި އޭނާ ބައިވެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށެވެ. އަދި ރިޝްފާ ހައްޔަރުކުރި ތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް، ކޯޓުގައި ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ހުނޫގެ ބަންދުގެ އަމުރުގައި ބުނީ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑު އެބައޮތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މައްސަލައިގައި ގިނަ ބަޔަކު ބައިވެރިވާއިރު، އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުމާލު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގުކުރަން ރިޝްފާގެ ބަންދަށް ވަނީ ފަސް ދުވަސް ދީފައެވެ. އަދި ހުނޫގެ ބަންދަށް ވަނީ ހަތް ދުވަސް ދީފައެވެ.

މި 12 މީހުންގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހުނޫ މީގެ ކުރިން ވެސް ހައްޔަރު ކޮށްފައި ވެއެވެ. މިދިޔަ މާޗް މަހު ފަހުކޮޅު ހުނޫ ހައްޔަރުކުރި ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި ޖުލައި މަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށެވެ.