ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ކުރާތާ 8 މަސް ވެގެން ގޮސްފައި ވާ އިރު، ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ރަޝިއާ ބޮޑު ބައްޔެއް ވެ ހާސޮން ދޫކޮށް ފަހަތަށް ޖެހިއްޖެއެވެ.

ހާސޮން ސަރަހައްދަކީ ހަނގުރާމަ ފެށިތާ 6 މަސްތެރޭގައި ރަޝިއާއިން ހިފާ އަމިއްލަ ކުރި ޔޫކްރައިންގެ 4 ސަރަހައްދުގެ ތެރެއިން އެންމެ ބޮޑު އެއް ސަރަހައްދެވެ. މި ސަރަހައްދު އަމިއްލަ ކޮށް، ގަވަރުނަރަކު ވެސް ލައިގެން ހިންގަމުން ދަނިކޮށް ޔޫކްރައިން ސިފައިންގެ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ރަޝިއާއަށް އެ ޝަހަރު ހިފަހައްޓާލެވޭ ވަރެއް ނުވިއެވެ.

ޔޫކްރައިން ސިފައިން ފަހަރަކު ރަށެއް، ފަހަރަކު ރަށެއް ހިފަމުން އެތެރެއަށް ވަންނަމުން ގޮސް، މެދުތެރެއަށް ވަދެގަނެދާނެހެން ހީވުމާއެކު، ރަޝިއާއިން ވަނީ އެ ރަށުގައި ތިބި މީހުން ރަށުން ފޭބުމަށް އަންގާ، އެމީހުންގެ އަސްކަރީ ވެހިކަލްތަކުގައި ރަށުން ބާލަން އެހީތެރިވެ ދީފައެވެ. ގާތްގަނޑަކަށް 450،000 މީހުންގެ އާބާދީއެއް އޮތް ހާސޮން ގައި ނުފައިބެ ތިބީ 60،000 އެއްހާ މީހުންނެވެ. އެހެން އެންމެން ފައިބައިގެން ދިޔަ އިރު، ޔޫކްރައިން އިން ދިޔައީ، ރަށުން ނުފޭބުމަށާއި، އެއީ ރަޝިއާއިން އެމީހުންނަށް ދޭ ބޮނޑިއެއްކަމަށް ބުނަމުންނެވެ. ނަމަވެސް އެ ވާހަކަ އަޑުއަހާ ހާސޮންގައި މަޑުކުރީ މަދުބައެކެވެ.

ރަޝިއާގެ ސިފައިންނާއި ރަޝިއާއިން އެރަށަށް އިސްކޮށްފައި ތިބި ވެރިން ހުސްވި ހަފްތާގައި ބޭލުމާއެކު، ޔޫކްރައިންގެ ހާއްސަ ސިފައިން ވަނީ ހާސޮންގެ މެދުތެރެއަށް ވަދެ، ނަސްރު އިއުލާން ކޮށްފައެވެ.

"ހާސޮން އަކީ މިހާރު އަހަރެމެންގެ ތަނެއް، އަހަރެމެންގެ ތަނެއް" ޔޫކްރައިންގެ ރައީސް ވްޑަލިމިއާ ޒެލޮންސްކީ އިއުލާން ކުރެއްވިއެވެ. އެއާއެކު، ހާސޮންގެ އެކި ސަރަހައްދުތަކުގައި ޔޫކްރައިންގެ ދިދަ ނަގާ، އާންމު ރައްޔިތުން ދަނީ އުފާ ފާޅު ކުރަމުންނެވެ. އަދި ހާސޮން ދޫކޮށް ދިޔަ ބައެއް މީހުން މިހާރު އެނބުރި އަންނަން ފަށާފައި ވީ ނަމަވެސް، އެރަށުން ބާލައިގެން ރަޝިއާ ސިފައިން ގެންދިޔަ މީހުންނަށް އަދި އަނބުރާ އާދެވޭ ގޮތެއް ނުވެއެވެ.

ހާސޮން އަކީ، މި ހަނގުރާމައިގައި ޔޫކްރައިން އަށް ވަރަށް މުހިންމު ޝަހަރެކެވެ. އެ ޝަހަރަކީ 2014 ވަނަ އަހަރު ރަޝިއާއިން ހިފި ކްރިމިއާ އާ އިންވެގެން އޮންނަ ޝަހަރު ކަމުން، އެ ޝަހަރުގެ ކޮންޓްރޯލް ލިބުމުން ކްރިމިއާ އަށް ހަމަލާ ދޭން ޔޫކްރައިން އަށް ފަސޭހަ ވާނެއެވެ. ހަމަ އެއާއެކު، އެއީ މަރިއުޕޮލް އާވެސް އިންވެގެން އޮންނަ ޝަހަރެވެ. މަރިއުޕޮލްގެ ތެރެއިން ގޮސް ޑޮނެސްކް، ލުހާންސްކް ފަދަ ތަންތަނަށް ހަމަލާދޭންވެސް ފަސޭހަ ވާނެއެވެ.

ރަޝިއާ އަތުން ހާސޮން ގެއްލުމުން ދުނިޔޭގެ ބޮޑުތި ބާރުތަކުން ރަޝިއާގެ ނާކާމިޔާބީ ފާހަގަ ކުރަމުން ދާ އިރު، ޔޫކްރައިން އާއި އެމެރިކާއަށް ވަނީ އީދެއް އައިސްފައެވެ. އެމެރިކާ އަކީ، ޔޫކްރައިން ލައްވާ، ރަޝިއާ އާ ތަޅުވާ ގައުމު ކަމަށް ވެފައި، ޔޫކްރައިންގައި މިހާރު ބޭނުން ކުރާ ޒަމާނީ ހަތިޔާރަކީ އެމެރިކާގެ އުފެއްދުން ކަމަށް ވުމުން، އެމެރިކާ ދެކެނީ، އެއީ އެމީހުންގެ ކާބިޔާބީއެއްގެ ގޮތުގައެވެ.