ސަރުކާރަށް އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ ފުރާނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މި 4 އަހަރުން 2 އަހަރަކީ، ޒަމާންތަކުންވެސް ފެންނާން ނެތް އާލަމީ ވަބާއަކުން، ދުނިޔެ ބަނަކުރި ދެއަހަރު ކަމަށެވެ. ސަރުކާރަށް އެންމެ އަގުބޮޑު އެއްޗަކީ ރައްޔިތުންގެ ފުރާނަ ކަމަށާއި އެ ދަނޑިވަޅުގައި އެންމެ އިސްކަމެއް ދިނީ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ބަލިވެ، އެނދުމަތިވާ މީހުންގެ ފަރުވާ ފުރިހަމަ ކުރުމަށް. ވެކްސިންގެ ރައްކާތެރިކަން މުޅިރާއްޖެއަށް ލިބިދިނުމަށް. މިދެންނެވި ބަނަކަމުގެ ތެރޭގައި އަޅުގަނޑުގެ އަޒުމަކަށްވީ، ދައުލަތުގެ އެންމެ މުވައްޒަފެއްގެ ވަޒީފާއަށް، އަދި ލިބޭ އާމްދަނީއަށް، އުނިކަމެއް އަޔަނުދިނުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު، ބަރޯސާ ވަނީ ފަތުރުވެރިކަމަށް ކަމަށެވެ. އެހެންނަމަވެސް، ބޯޑަރު ބަންދުކުރަން މަޖުބޫރުވި ކަމަށާއި އާމްދަނީ ހުއްޓި، ރަށްތައް ތަޅުލައި، ފުރަމާލެ ފުރަބަންދަށް ލާންޖެހުނު ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހާލަތުގައިވެސް ސަރުކާރުން ބެލީ ވިޔަފާރިތައް ހީނަރުވެ، ވަޒީފާތައް ގެއްލި، އާމްދަނީ އުނިވި އެންމެންނަށް ސަރުކާރުން އެހީތެރިވެދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިމާވި މިދެންނެވި ނާދިރު ހާލަތުގެ ނާޒުކުކަން ކިތަންމެހައިވެސް ބޮޑު ކަމަށާއި އެހެންނަމަވެސް، ކަރަންޓާއި ފެން ބިލް ނުދެއްކިގެން ހިދުމަތުން މަހްރޫމްވި، އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެކަން، އެދުވަހު ކަށަވަރު ކޮށްދެއްވި ކަމަށެވެ.

އިންތިހާބުކޮށްފައި އޮންނަ ސަރުކާރެއްގެ ހާގީގީ ޒިންމާއަކީ، މިފަދަ ދަނޑިވަޅުތަކުގައި، އެ ބޮޑުބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވައި ސަރުކާރުން އުފުލުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.