ކ. ދިއްފުށިފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މެދުކަނޑާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް، ހައިކޯޓުން ނިންމައިފިއެވެ.

ދިއްފުށިފަޅުގައި ރިސޯޓެއް ހަދަން 2015 ގައި ސަރުކާރުން ވަނީ ވިޔަފާރި ވެރިޔާ ހާމިދު އިސްމާއީލަށް އެ ރަށް ކުއްޔަށް ދީފައެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން ސަރުކާރުން ވަނީ ހާމިދު އަތުން އެ ރަށް އަތުލާފައެވެ. އެހެންވެ، ހާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ދިއްފުށިފަޅުގައި މަސައްކަތްތައް ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިފައި ވެއެވެ.

އެހެންވެ، 2020 ވަނަ އަހަރު ސިވިލް ކޯޓުން އެންގީ އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މަސައްކަތެއް ކުރުމަށް ހުއްދަ ވެސް ނުދިނުމަށެވެ. ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ނިންމާފައި ވަނީ:

  • އާންމު އުސޫލުން ވަގުތީ އަމުރެއް ނެރެދެވޭނީ ބަދަލު ދީގެން ވިޔަސް ގެއްލުން އިއާދަ ނުކުރެވޭ ހާލަތެއްގައި
  • އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަކަށް ނުބެލެވޭ

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވާ ގޮތުން، ދިއްފުށިފަޅުގެ މަސައްކަތްތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތެވެ.